ފޯ ސީޒަންސް ކުޑަހުރާގައި ކުނި ނައްތާލާ މެޗިނަކުން އެ ރިޒޯޓުގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ކުނި ނައްތާލާ “ސެގްރިގޭޝަން މެޝިން” އެއް ސާފު ކުރަން ހުރި ޒުވާނަކަށްކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި އޭނާއަށް އަނިޔާވީ އެހެން މުވައްޒަފަކަށް އޮޅިގެން އެ މެޗިން ޖެއްސުމުންނެވެ.
އަނިޔާވި ޒުވާނާގެ އާއިލާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓު ކުރާގޮތުގައި އޭނާގެ ޝަހާދަތް އިނގިލީގެ ކަށިތައް ވަނީ ފުނޑުފުނޑުވެފައި ކަމަށާއި، އިނގިލި ވަނީ ޗިސްވެފައި ކަމަށެވެ. އަދި އެހެން އިނގިލިތައް ހުޅުން ނެއްޓި، އިނގިލިތައް ހުރީ މަސްގަނޑު ފަޅާއިގެން ގޮސް ބޭރަށް ނިކުމެފައި ކަމަށެވެ.
އޭނާއަށް ފަރުވާ ދިނުމަށް ރޭ ވަނީ އެމަޖެންސީގައި މާލެ ގެނެސް އޭޑީކޭއަށް ގެންގޮސްފަ އެވެ. އަދި އޮޕަރޭޝަނެއްކޮށް ހުޅުތަކުން ނެއްޓުނު އިނގިލިތަކުގެ ހުޅުތައް އަލުން ވަނީ އަޅުވާފަ އެވެ. ނަމަވެސް ޝަހާދަތް އިނގިލީގެ އިތުރު އޮޕަރޭޝަނެއް ހަފްތާއެއް ފަހުން ކުރަން ޖެހޭކަމަށް އާއިލާއިން ބުނެ އެވެ.