އިންޑިއާއިން ހަރަދުކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފި އެވެ.
ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ”ރޯ“ (އާރު.އޭ.ޑަބްލިޔު) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. މި ރިޕޯޓުގައިވާ ގޮތުން، އިންޑިއާއިން މިކަމަށް މަސައްކަތްކުރީ ރައީސް މުޢިއްޒު އިންޑިއާ ސިފައިން ފޮނުވާލުމަށް ވަޢުދުވެ، ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމަށް ބޭނުންވުމާ ގުޅިގެންނެވެ.
”ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް“ ގެ ނަމުގައި ލިޔެފައިވާ ލިޔުމެއްގައި، މަޖިލިސް މެންބަރުންނާއި، ސިފައިންގެ އޮފިސަރުންނާއި، ގޭންގުތަކަށް ރިޝްވަތު ދިނުމަށް ރޭވި ކަމަށް ބުނެފައިވެ އެވެ. މި މަސައްކަތަށް 6 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، އެ ފައިސާ އިންޑިއާއިން ހޯދަން އުޅުނިން ހޯދަން އުޅުނު ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދުރުކުމުގެ ޕްލޭން؛
އިދިކޮޅު ފަރާތްތަކުން ”ޑިމޮކްރެޓިކް ރިނިއުއަލް އިނީޝިއޭޓިވް“ ގެ ނަމުގައި ރައީސް މުއިއްޒު މަޤާމުން ދުރުކުރުމަށް އެކުލަވާލި ޕްލޭނެއް ތައްޔާރުކުރި އެވެ. މީގެ ތެރޭގައި ހިމެނެނީ:
- 40 މަޖިލިސް މެމްބަރުންނަށް (ރައީސް މުއިއްޒުގެ ޕާޓީގެ މެންބަރުން ވެސް ހިމެނޭގޮތަށް) ރިޝްވަތު ދިނުން.
- 10 ސިފައިންނާއި ފުލުހުންގެ އިސްވެރިންނަް ރިޝްވަތު ދިނުން.
- 3 ގޭންގަކަށް ރިޝްވަތުދީ، އެހީތެރިކަން ހޯދުން
ރިޕޯޓުގައިވާގޮތުން މި ކަންކަމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދަކީ 87 މިލިއަން ދިވެހި ރުފިޔާ (6 މިލިއަން އެމެރިކާ ޑޮލަރު) އެވެ. މި ފައިސާ އިންޑިއާއިން ލިބޭނެ އެ ފަރާތުން އުއްމީދުކޮށް ތިބިކަމަށް ރިޕޯޓުގައިވެ އެވެ.
މި ޕްލޭނަށް ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (ޢެމްޑީޕީ) ގެ އިސްވެރިން މި ޕްލޭން ތަންފީޒުކުރުމަށާއި އެ ފަރާތްތަކުގެ ޕާލިމެންޓަރީ ކެމްޕޭނުތަކަށް އެހީތެރިވުމަށް އިންޑިއާއިން ފައިސާ ހޯދުމަށް މަސައްކަތްކުރި އެވެ. އެގޮތުން ޝިރީޝް ތޯރަޓް އަދި ސާވިއޯ ރޮޑްރިގަސް ފަދަ އިންޑިއާގެ މެދުވެރިން މި ޕްލޭނާ ބެހޭގޮތުން މަޝްވަރާކުރި ނަމަވެސް، ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
މި މަސައްކަތް ނާކާމިޔާބުވެފައިވަނީ އެކަށީގެންވާ ވަރަށް ވޯޓު ނުލިބުމާއި އިންޑިއާގެ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެ އެވެ. 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުނު މަޖިލިސް އިންތިޚާބުގައި ރައީސް މުޢިއްޒުގެ ޕާޓީ ބޮޑު ތަފާތަކުން ކާމިޔާބުކުރުމާއެކު، ކުރިމަގުގައި އިމްޕީޗްމަންޓްގެ މަސައްކަތްތައް ކުރުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމަކަށް ވެގެން ދިޔަ އެވެ.
ދިވެހިރާއްޖޭގެ ސިޔާސަތުގައި އިންޑިއާ ބައިވެރިވުމާ ގުޅިގެން، އިންޑިއާގެ ނުފޫޒު ފޯރުވުމާ މެދު ކަންބޮޑުވުންތައް އުފެދި، މި ދެ ސަރަޙައްދީ ބާރުގެ މެދުގައި އޮތް ވާދަވެރިކަން އިތުރަށް ގަދަވެގެން ގޮސްފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ފާހަގަކޮށްފައިވެއެވެ.
އިންޑިއާގެ އައު ސިޔާސަތު:
އިންޑިއާއިން ފަހުން ވަނީ އެ ސަރުކާރުން ގެންގުޅުނު ސސިޔާސަތު ބަދަލުކޮށް، ރައީސް މުއިއްޒުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުން ދިނުމަށް ނިންމާފައިކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފަންޑިންގގެ އިތުރުން، އިޤްތިސާދީ އެހީތެރިކަން ދިނުމަށް އިންޑިއާއިން ނިިންމިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ؛
- 100 މިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދެއްކުން ފަސްކޮށްދިން
- 700 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއް ހުށަހެޅި
- ސިފައިންގެ އަދި އިޤްތިޞާދީ އެއްބާރުލުން ދެމެހެއްޓި
މި ރިޕޯޓާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އިންޑިއާ ސަރުކާރުން ވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ