ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިތަކެތި އަތުލައިގެންފާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމްސްއިން އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 0.32 ކިލޯގެ ހެރޮއިން އާއި 2.1 ކިލޯގެ މެފެޑްރޯންކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މިއީ މިމަހުގެ ތެރޭގައި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެވަނަ ފަހަރެވެ. މިމަހުގެ 13 ވަނަ ދުވަހުވެސް ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެކުރަން އުޅުނު 235 ގްރާމްގެ ކެނެބިސް އަތުލައިގެންފަ އެވެ.