ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އެވެ.
ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ 1،170 ގްރާމްގެ ކެނަބިސް ފަތް ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެ އެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 936،000 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދީފައިވެ އެވެ.
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާއިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން 818 ގްރާމްގެ މަސްތުވާތަކެތި ވެސް ވަނީ ހޯދާފަ އެވެ.
މީގެއިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އިސްލާހު ވަނީ ތަސްދީގުކުރައްވާފަ އެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން ތިން މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.



