މީލާދީ އާ އަހަރާއި ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭން (އެމްއައިބީ) 5 ދުވަހަށް ބަންދުވާނެކަމަށް އެ ބޭންކުތަކުން ބުނެފި އެވެ.
އެ ދެ ބޭންކުން ބުނެފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން އެ ދެ ބޭންކް ބަންދުވާނެ ކަމަށާއި ދެން ހުޅުވާނީ ޖެނުއަރީ 5 ވަނަ ދުވަހު ކަމަށެވެ.
އާ އަހަރާ ދިމާކޮށް 5 ދުވަހަށް ބޭންކް ބަންދު ކުރި ނަމަވެސް އެ ދުވަސްތަކުގައި އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ޚިދުމަތާއި، ސެލްފް ސަރވިސް އޭޓީއެމް އަދި ކަސްޓަމަރ ސަޕޯރޓް ސަރވިސްގެ ޚިދުމަތް ލިބެން ހުންނާނެކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެމްއައިބީން ބުނީ ބަންދު ތެރޭގައި އީ-ބޭންކިންއާއި، އޭޓީއެމްގެ އިތުރުން ކަސްޓަމަރ ކެއަރ ސެންޓަރގެ ޚިދުމަތް ލިބެން ހުންނާނެކަމަށެވެ.
މިހެން ކަމުން ބީއެމްއެލް އަދި އެމްއައިބީ އިން ވަނީ ދުރާލާ ކަންކަން ނިންމެވުމަށް ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.