އޭނާ ހަޑިހުތުރު ބަހުން މުޢާމަލާތް ކުރި ކަމަށް ބުނެ ކާކުކަން ނޭނގޭ އައިޑީއަކުން ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
މުބީން މިހެން ވިދާޅުވެފައިވަނީ، އޭނާ ހަޑިހުތުރު ބަހުން ވާހަކަދެއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކާ ގުޅިގެން ޖަވިޔަނި ނޫހަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގަ އެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން މުބީން ވިދާޅުވީ، އޭނާ އަކީ ރައްޓެހިންނާވެސް މާތް ބަހުން ވާހަކަ ދައްކާ މީހެއް ކަމަށެވެ.
”ސިޔާސީ ހިޔާލު ތަފާތުވުންތަށް ކިތަންމެ ވަރަކަށް އޮތަސް އަޅުގަނޑުގެ ދާއިރާގައި ތިބި އެމްޑީޕީ ބޭފުޅުންވެސް އަދި އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށްވެސް އިންގޭނެ އަޅުގަނޑަކީ އެއްވެސް އިރެއްގައި މީހުންނާއި ހުތުރު ބަހުން ވާހަކަދައްކައި އުޅޭ މީހެއްނޫން.“
އިތުރަށް މުބީން ވިދާޅުވީ، އޭނާއަކީ ސިޔާސީ މަސައްކަތުގައި ކެތްތެރިކަމާއެކު މަސައްކަތްކުރާ މީހެއް ކަމަށާއި، އެއްވެސް މީހަކާ ހުތުރު ބަހުން ވާހަކަދައްކާފައި ނުވާނެ ކަމަށެވެ.
”އަޅުގަނޑާ އެންމެ ދެކޮޅު މީހާއާވެސް އަޅުގަނޑު ވާހަކަދައްކާފައި އޮންނާނީ ރީތި ބަހުން،“ އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، މުބީން ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޗެޓް ލޮގަކީ އެޑިޓްކޮށްގެން އުޅޭ އެއްޗެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި މުބީން ކުރެއްވި މެސެޖެއްކަމަށް ބުނެ، ޗެޓް ލޮގެއް އަންނަނީ ދައުރުވަމުންނެވެ. އެ ޗެޓްލޮގްގައި ވަރަށް ހުތުރުބަހުން ވަނީ ވާހަކަދައްކާފަ އެވެ. އެ ޗެޓް ލޮގް ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ކާކުކަން ނޭނގޭ އެކައުންޓުން ތުހުމަތުކުރާ ގޮތުގައި އެއީ މުބީ އެ އެކައުންޓަށް ފޮނުވި މެސެޖެކެވެ. ނަމަވެސް މުބީން ދަންނަ ގިނަ ފަރާތްތަކަކުން ވަނީ އެއީ މުބީން ބޭނުންކުރާނެ ކަހަލަ ބަހުރުވައެއް ނޫންކަމަށް ބުނެފަ އެވެ.
ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)