ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހިންގި ޕޯންޒީ ސްކީމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެއްވެސް ބަދަލެއް ނުގެންނަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި 3 ނޮވެންބަރު 2023 ގައި ދައުވާ ކޮށްފައިވަނީ އެ ކުންފުނީގެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ޖުމްލަ 13 ދަޢުވާއެއް ކުރެވިފައިވެ އެވެ.
މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް މަޤާމަށް އައްޔަންކުރެއްވުމާއެކު އޭނާ ވަނީ ދައުވާ ރައްދުވާ ފަރާތުން އެދިއްޖެނަމަ ދައުވާތައް މުރާޖަޢާކުރާނެކަން އިއުލާންކޮށްފަ އެވެ. އަދި އެކަމަށް އެދުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވެ އެވެ. އެ ފުރުސަތުގައި އަލްހާންއާ އޭނާގެ ދެ ކޮއްކޮގެ ފަރާތުން ވަނީ ދައުވާތައް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފަ އެވެ.
ނަމަވެސް، ޕީޖީ އިން އިއްޔެ ބުނެފައިވަނީ މި މައްސަލައިގެ ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، ދަޢުވާތައް ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނުވަތަ ޙާލަތެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީގެކުރިން ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބޭންކުން ހިފަހައްޓާފައިވެ އެވެ. އެހެންނަމަވެސް، ސިވިލް ކޯޓުން ފަހުން ނިންމާފައިވަނީ އެ އެކައުންޓްތައް ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
ދައުވާ ކުރި ސަބަބު:
މި ދަޢުވާތައް ކޮށްފައިވާ ސަބަބުގެ ގޮތުން ޕީޖީން މީގެކުރިން ބުނެފައިވަނީ އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ޕީޖީން މައުލޫމާތުދެ އެވެ. މި މައްސަލައިގައި ދައުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ. އިތުރު މައްސަލަތައް ފުލުހުން ތަހުގީގު ކުރާކަން އޭރު ހާމަކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓު އަލްހާން ފަހުމީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)