އިލެކްޝަން ކޮމިޝަން (އީސީ) އަށް ދެ މެންބަރަކު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަން ހާމަ ކުރެއްވީ މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އެވެ.
މިއަދު ކުރިއަށް ދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އީސީއަށް ދެ މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ދެ ބޭފުޅުންނާ އިންޓަވިއު ކުރެވިގެން ދިޔަ އެވެ.
އީސީގެ މެންބަރުކަމަށް ރައީސް މުއިއްޒު ފޮނުއްވާފައިވާ 2 ނަމަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އަދި ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުއްރަޙްމާން ސަލާޙު ރަޝީދުގެ ނަމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒާހިދު ވަނީ އީސީގެ މެންބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް މަޖިލިސް ރިސެސްގައި އޮތުމުން 60 ހަމަވާނީ ރިސެސްގެ މުއްދަތުގައިކަން ފާހަގަ ކުރައްވާފަ އެވެ.
ޒާހިދުގެ ވާހަކަތަކާ ގުޅިގެން ރިޒާ ވަނީ ޤާނޫނީ ހުސްކަމަކަށް ދިޔުމުގެ ފުރުސަތު ނުދިނުމަށްޓަކައި، މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގެ މިހާރުގެ ދައުރު ނިމިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ދެން މަޖިލިސް ހުޅުވޭނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ) މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މެންބަރު ހުސައިން ރިޒާ އާދަމް