މާލެއަށް މިއަދު ކުރި ވިއްސާރައިގައި 8 ގެއަކުން 32 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭއިން މިއަދު އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އެ އޮތޯރިޓީން ވަނީ 8 ގެއަކުން 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިން ހަމަޖައްސައިދީފަ އެވެ. މި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ ކައްކާ ކައިބޮއި ހެދޭނެ ގޮތެއް ނެތުމާއި، ނިދާ ފާހަނާ ކުރެވޭނެ ގޮތެއް ނެތުމުގެ އިތުރުން ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުންކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.
އެ އޮތޯރިޓީން ބުނީވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމެންޓް، ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހަދާފައިވާ ކަމަށެވެ.
މީގެ އިތުރުން ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުންނާއި ދިވެހި ރެޑްކްރެސެންޓްގެ ހޮޓްލައިންތަކަށް 101 ކޯލް ލިބުނު ކަމަށެވެ.
މިއަދުގެ މިހާތަނަށް މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު 47 ތަނެއްގައި 229 ވެލިބަސްތާ ޖަހާފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ. އަދި ވެލިބަސްތާ ޖެހި ތަންތަނުގެ ތެރޭގައި ގެތަކާއި ފިހާރަތަކާއި ގުދަން ހިމެނޭކަމަށްވެސް ބުނެފައިވެ އެވެ.
އެމްއެންޑީއެފް ވިއްސާރަ މާލެ ސިޓީ ކައުންސިލް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)