ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފި އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން އިޢުލާނުކޮށްފައިވާ ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލައަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، މި މައްސަލަ ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމުރުކުރައްވާފައިވެ އެވެ.
ތަޙުޤީޤުގައި ބަލާނީ ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ފޯމު ބަލައިގަތުމާއި، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކޮށްފައިވާ ގޮތެވެ. އަދި މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްވެސް އަމުރުކުރައްވާފައިވެ އެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއްފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަމުރުކުރައްވާފައެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރިއަށްގެންދިއުމަށް ޕީޖީ އަމުރުކުރައްވާފައިވާއިރު، އިއްޔެ ވަގުތެއްގައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޡުލް ރަޝީދު، އޭނާގެ ބޭބެއަށް ބިމެއް ދިން މައްސަލަ ފެންމަތިވެފަ އެވެ. އަދި އެކަންކޮށްފައިވަނީ ލިޔުންތަކެއް ފޯޒްކޮށްގެންކަންވެސް ވަނީ ފަޅާއަރާފަ އެވެ. އެ މައްސަލައިގެ ތަހުޤީޤަށް ފަޒުލްއާ ފަޒުލްގެ ބޭބެވެސް ސަސްޕެންޑްކޮށްފައިވާއިރު، އެޗްޑީސީގެ މުޅި ބޯޑުވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ބިންވެރިޔާ ސްކީމް ގެދޮރުވެރިޔާ ސްކީމް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)