ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ކުރިން ދޫކޮށްފައިވާ ބިމަކާ ގުޅޭ ޝަކުވާއެއް އޮތްތޯ ބަލަން ފަށައިފި އެވެ.
އެޗްޑީސީން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ލޮޓް ނަންބަރު 11652 ގެ ބިމާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، 31 ޑިސެމްބަރ 2024 ގެ ކުރިން އެ ކޯޕަރޭޝަނަށް ހުށަހެޅުމަށެވެ. މި ބިމަކީ އެފްއޭއެމްއަށް ކުރިން ދޫކޮށްފައިވާ ބިމެކެވެ.
އިޢުލާނުގައި ވާގޮތުން، ޝަކުވާ ހުށަހަޅާއިރު ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ޝަކުވާ ހުށަހަޅަންވާނީ އެޗްޑީސީގެ ލޭންޑް މެނޭޖްމަންޓް ސެކްޝަން (ރިއަލް އެސްޓޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓް) ގެ އީމެއިލް އެޑްރެހަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ 7846414 ނަންބަރާ ގުޅުމަށް އެ ކުންފުނިން އަންގާފައިވެއެވެ.
އެޗްޑީސީން މި އިޢުލާނުގައި، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.
މި ބިމަކީ އެޗްޑީސީން 2018 ވަނަ އަހަރު ހުޅުމާލޭގައި ފުޓްބޯޅަ ތަމްރީނު ފެސިލިޓީއެއް ޤާއިމުކުރުމަށްޓަކައި އެފްއޭއެމްއަށް ދޫކުރި ބިމެކެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ފޭސް 1 ގައި ފުޓްބޯޅަ ތަމްރީނު ފެސިލިޓީއެއް ޤާއިމުކުރުމަށް 230،000 އަކަފޫޓުގެ ބިމެއް ދޫކުރި އެވެ.
އެއްބަސްވުމުގައި ސޮއިކުރިތާ 5 އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އެއްބަސްވުން ތަންފީޒުނުކުރެވި އަދި ތަމްރީނު ފެސިލިޓީ ޤާއިމުނުކުރެވި އޮތުމާ ގުޅިގެން، އެޗްޑީސީ އިން ވަނީ މި އަހަރުގެ ޖަނަވަރީ މަހު މި އެއްބަސްވުން ފުރަތަމަ ފަހަރަށް ބާޠިލުކޮށްފައެވެ.