ފިއުލް ސަޕްލައި މޯލްޑިވްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ތެލުން ވައްކަންކޮށް، މަނީ ލޯންޑަރކުރިކަމުގެ ތުހުމަތުވާ 40 މުވައްޒަފަކު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފި އެވެ.
މީޑިއާ ރިޕޯޓްތަކުގައިވާގޮތުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިސްމާއީލް ސުހެއިލްވެސް އެ މަޤާމުން އިިސްތިއުފާދެއްވީ، އެ މައްސަލާގައި އޭނާގެ މައްޗަށްވެސް ތުހުމަތުތަކެއް ކުރެވޭތީ އިސްތިއުފާ ދިނުމަށް އެންގުމުންނެވެ. އަދި އެ މައްސަލައިގެ ތުހުމަތު އެ ކުންފުނީގެ އެކި ފަންތީގެ މުވައްޒިފުންގެ މައްޗަށް ކުރެވޭއިރު، ވަކިކުރި 40 މުވައްޒިފުންގެ ތެރެއިން ބައެއް މުވައްޒިފުން އަމިއްލައަށް މަޤާމުން ވަކިވުމަށްވެސް ފުރުސަތުދީފައިވާކަން އެނގެފައިވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އެފްްއެސްއެމްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކުރި ކަން ހާމަކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް ލިބޭ ފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން ވަނީ 10 މީހުނާއި 2 ގެ އަދި ތެޔޮއުފުލާ 2 ބާޖު ބަލައިފާސްކޮށް މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައި ކަމަށް އިހުސާން ހާމަކުރެއްވި އެވެ.
މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއިގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ. މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށް އިހުސާންގެ ޓްވީޓްގައިވެ އެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ދިވެހި ފުލުހުންގެ ޚިދުމަތް
