ފަންނުވެރިން އަމިއްލައަށް ދަފްތަރުވާ ނިޒާމެއް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްތަރ މިގޮތަށް ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަފްތަރެއް އެކުލަވާލާ އޭގެ ތެރޭގައި ފަންނުވެރިން ދަފްތަރުގައި ފަންނު ކެޓަގަރީ ނަން ނޯޓްކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. މިސާލަކަށް ނޫސްވެރިންގެ ތެރޭގައި ވީޑިއޯ ޖާނަލިސްޓުންނާއި ކޮލަމްނިސްޓުން ކްލެސިފައި ކުރެވޭ ވަރުވާނެ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ.
”އަޅުގަނޑުމެން މިހާރު ނިންމާފައިވާނެ ފަންނުވެރިން އެބޭފުޅުން އަމިއްލައަށް ތިމަންނައަކީ މިވެނި ފަންނެއްގެ މީހެއްކަން ދެނެގަނެ، ދަފްތަރުގައި ޖެހެން. ސަރުކާރުން މިވެނި ކަމަކީ ފަންނެއް ކަމަށް ނުވަތަ ނޫންކަމަށް ނިންމައިގެން ކުރިއަށްދިޔައިމަ ބައެއް ފަހަރުވާ ގޮތަކީ ވަރަށް ބޮޑު ފަންނެއްގައި ހުންނަ ކުއްޖެއް އެކަހެރިވެގެންވެސް ގޮސްދާނެ. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް އެބަގެންދަން އޯޕަން ޑޭއެއް ވަރަށް އަވަހަށް“
މި އޯޕަން ޑޭ ބާއްވާނީ 1 ދުވަހުގެ ހާއްސަ އިވެންޓެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މި އިވެންޓްގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ދެނެގަނެވިފައިވާ ނުވާ ފަންނުތައްވެސް ފާހަގަކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ފަންނުތައް ކަނޑަނާޅާ ޒުވާނުން އައިސް ޒުވާނުން އަމިއްލައަށް ދަފްތަރެއް ތައްޔާރުކުރަން. މިއީއޭ ރާއްޖޭގައި ހުރި ފަންނަކީ. އޭގެއިން އަޅުގަނޑުމެން އެންމެން އިސްކަންދޭ ތަރުތީބުން ކަނޑައަޅަން ފަސޭހަވާނެ. ރާއްޖޭގެ ޒުވާނުން އެއްވެ ފަންނުގެ ދަފްތަރެއް އެކުލަވާލުން“
”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން އެންސީއޭގެ ފަރާތުން މަމްދޫހު އިބްރާހީމް (މަންޑޭ) ވިދާޅުވީ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ގިނަ ފަންނާނުންނަށް ޖަމާވެވޭނެ ތަނެއްގައި ކަމަށެވެ. ނަމަވެސް އަދި ލޮކޭޝަނާއި ތާރީހު ފައިނަލް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މަމްދޫހު ވިދާޅުވީ މި އިވެންޓްގެ ތެރޭގައި އާޓިސްޓުން ދަފްތަރުވުމަށް ހާއްސަ ކިއޮސްކްތައް ބަހައްޓާނެ ކަމަށެވެ. ދަފްތަރު އެކުލަވާލުމުގެ އުސޫލުތަކުގެ ކަރުދާހީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޯޕަން ޑޭ ބާއްވާނީ ވީހާވެސް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ސްކޫލު ބަންދު ނިމުނީމަ ކަމަށް މަމްދޫހު ވިދާޅުވި އެވެެ. އަދި އަންނަ އަހަރުގެ ކުރީކޮޅު މި އިވެންޓް ބޭއްވޭނެ ކަމަށް މަމްދޫހު ލަފާކުރެއްވި އެވެ.
”މި އޯޕަން ޑޭ ގެ އެހީގައި އާޓިސްޓުން ކެޓަގަރައިޒްކޮށް ފަންނުގެ ދަރަޖަ ދަފްތަރު ކުރެވޭނެ“
މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް