އައްޑޫ ސިޓީގެ ފަސްގަޑުގައި ހުރި ވެލި ނުނެގުމަށް އަންގާފައިވަނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށް ގިނަ އަދަދެއްގެ ވެލި ބޭނުންވާނެތީ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތޮލިބް މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މޭޔަރު ނިޒާރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުންދަނިކޮށް، ކުރިން އެއްވެސް މަޝްވަރާއެއް ނުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންޖިނިއަރުން ލައްވާ ސޮއިކުރުވައި އެ ވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މިނިސްޓްރީގެ ހުއްދަނެތި އެ ވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ އަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. އަދި އައްޑޫ އަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށް ނުވާތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށްވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ ކައުންސިލުން އެދުމުން އެ ވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅެއް ނުހަދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވެފައިވަނީ މިއީ ދައުލަތް ހިންގަން ހެދިފައިހުރި ގާނޫނުތަކާއި ފުށުއަރާ ޖާހިލު ނިންމުމެއް ކަމަށާއި، ރައްޔިތުންނާއި ”ތޮޅެން“ މަގުފަހި ކުރަން ހިންގާ އަމަލެއް ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ފުޑާލަން އިތުރު ކުރި ބޮޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ގާނޫނާއި، ހަމައާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލްއިން އަމަލު ނުކުރާނެ ކަމަށްވެސް މޭޔަރު ނިޒާރު ވިދާޅުވެފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ