ދަނޑުވެރިކަމުގެ ސެންސަސްގެ މަސައްކަތް އަންނަ މަހުގައި ފަށާނެ ކަމަށް އެގްރިކަލްޗާ މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖޭގައި އެގްރިކަލްޗާ ސެންސަސްއެއް ކުރިއަށްގެންދިއުމަށް ސެންސަސްގެ ޕްރީ ޕައިލެޓް ޓެސްޓިންއެއް ބ. ގޮއިދޫއާއި ބ. އަންހެންފުށީގައި ކުރިއަށްގެންދެވިފައިވާ ކަމަށެވެ.
އެގްރިކަލްޗާ ސެންސަސްގެ ޒަރީޔާއިން ރާއްޖޭގައި ދަނޑުވެރިން ތިބި އަދަދާއި ދަނޑުވެރިކަން ކުރާ ބިންތަކުގެ މައުލޫމާތާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ނިސްބަތް އެއްކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރުވެސް ހާމަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
”މި ސެންސަސް މުޅި ރާއްޖޭގައި ޑިސެމްބަރު މަހުގެ ކުރީކޮޅު ފެށިގެންދާނެ“
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު އެގްރިކަލްޗާ ސެންސަސްއަށް ތައްޔާރުވުމަށް ޓްރެއިނިންގް ޕްރޮގްރާމެއް އެންމެ ފުރަތަމަ ފެށީ މިއަހަރުގެ ޖުލައި މަހު އެވެ. ދަނޑުވެރިކަމުގައި ހިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކޮށް ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
ދަނޑުވެރިކަމުގެ ސެންސަސްއަށް ބޭނުންވާ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ރަށު ކައުންސިލްތަކުގައި ރަޖިސްޓްރީ ކޮށްގެން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނެވެ. އެމައުލޫމާތުތަކަކީ އެކިއެކި އުސޫލުތައް އެކުލަވާލުމުގައްޔާއި ދަނޑުވެރިކަމާއި ގުޅޭ ޕްރޮގްރާމްތައް ރާވާ ހިންގުމަށްޓަކައި ވަރަށް މުހިންމު އެއްޗެއް ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ.
މީގެ އިތުރަށްވެސް މިނިސްޓަރ ވަނީ ދަނޑުވެރިކަމުގެ ދާއިރާ ރާއްޖޭގައި ކުރިއެރުވުމުގެ ގޮތުން މިކަމާއި ބެހޭ ސެޓްފިކެޓް ލެވެލްގެ ކުރު ކޯސްތައް ގައުމީ ޔުނިވާސިޓީގައި މިއަހަރު ތެރޭ ތައާރަފްކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދެއްވާފަ އެވެ. އަދި ތޮއްޑޫގައި އެމްއެންޔޫގެ އެގްރިކަލްޗާ އެންޑް ފުޑް ސައިންސަސް ފެކަލްޓީއެއް ގާއިމްކުރުމުގެ މަސައްކަތްވެސް އެ ޔުނިވާސިޓީ އިން ރާވާފައިވާ ކަމަށްވެސް މައުލޫމާތު ދެއްވި އެވެ.
ރާއްޖޭގެ އެތެރޭގައި މި ކުރާ މަސައްކަތްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެންވެސް މިނިސްޓްރީ އިން ރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މިނިސްޓްރީގެ އެގްރިކަލްޗާ ޑިޕާޓްމެންޓުން ސާކް ފަދަ ތަންތަނުގެ އެހީ ހޯދަންވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ އާއިޝަތު ރަމީލާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން