ރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު އިއްޔެ ލޯންޗްކޮށްފި އެވެ.
މި މަގުޗާޓް ލޯންޗްކޮށްފައި ވަނީ އަޒަބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ހިންގަމުންދާ އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މުއާހަދާގެ 29 ވަނަ ބައްދަލުވުން (ކޮޕް29) ގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކޮށްގެން ’ޕޭވިންގ ދަ ވޭ ފޯރ އަ ޖަސްޓް އެނަރޖީ ޓްރާންސިޝަން އިން ދަ މޯލްޑިވްސް‘ ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓްގަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ، ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން ބާއްވާފައިވާ މި ސައިޑް އިވެންޓުގައި ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި، ފުރުސަތުތަކާއި މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ވަނީ އަލި އަޅުވާލާފައިއެވެ.
މި ރަސްމިއްޔާތު ފެށުމުގެ ގޮތުން އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެފައިވާ ފަދައިން ހަކަތައިގެ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ފުއްދުމަށް 2028 ވަނަ އަހަރު އަންނަންވާއިރަށް އިތުރު 330 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަގެ ނިޒާމު އިންސްޓޯލްކުރަން ޖެހެ އެވެ.
މި ސައިޑް އިވެންޓްގެ ތެރޭގައި ރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު ވަނީ ލޯންޗުކޮށްފައެވެ. މި މަގުޗާޓަކީ 2033 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކުރިމަގު ރާވާފައިވާ ގޮތުގެ މަގުޗާޓެކެވެ.
މި ސައިޑް އިވެންޓުގައި އޮތް ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޠާރިޤް އިބްރާހީމްގެ އިތުރުން ފަސް ޕެނަލިސްޓުން ވާހަކަ ދައްކަވާފައި ވެއެވެ. އެއީ:
- ޖަޕާނުގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވައިސް މިނިސްޓަރ ފޮރ ގްލޯބަލް އެފެއަރސް، ޔުޓާކާ މަސޫޒަވާ،
- އޭޝިއަން ޑިވަލޮޕްމަންޓް ބޭންކްގެ ޑިރެކްޓަރ ޖެނެރަލް އަދި ގްރޫޕް ޗީފް އޮފް ސެކްޓަރސް ގްރޫޕް، ރަމޭޝް ސުބްރަމާނިއަމް،
- ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް ގްލޯބަލްގެ ޑިރެކްޓަރ ޖެނެރަލް، އެންޑްރިއު މެކްޑޮވަލް،
- ކްލައިމަޓް އިންވެސްޓްމެންޓް ފަންޑުގެ ސީނިއަރ އިވެލުއޭޝަން ސްޕެޝަލިސްޓް، މައިކަލް ރޮބަރޓް ވާރޑް،
- އިންޓަރނޭޝަލް ސޯލަރ އެލަޔަންސްގެ ޗީފް އޮފް ޔުނިޓް، ރަމޭޝް ކުމާރު ކުރުއްޕަތު.
މި ސައިޑް އިވެންޓް ނިންމުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ސްޕެޝަލް އެންވޯއީ ފޯރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފެވެ. ޢަލީ ޝަރީފްގެ ވާހަކަފުޅުގައި ރަސްމާލެ ފަދަ ރަށްތައް ބިނާކުރެވެނީ ހަކަތައިގެ ދާއިރާގައި ލުއިފަސޭހަތައް ގެނެސްދިނުމަށްކަން ފާހަގަކުރައްވާފަ އެވެ.