ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ރާއްޖޭގައި ކެންސަރު ބައްޔަށް ހާއްސަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި އޮތް ރަސްމީ އިހުތިފާލުގައި، ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ޚިދުމަތެއް ނޫން ކަމަށާއި، ބައެއް ބޭބޭފުޅުން ޖޯކު ޖެއްސެވިކަމުގައިވީ ނަމަވެސް، ރާއްޖޭގެ އަދުގެ ޙާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ހާއްސަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިކަން ޙަޤީޤީތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި ހަލުވި ދުވެލީގައި މަރުހަލާއަކަށްފަހު މަރުހަލާއެއް ނިންމާ، ފުރިހަމަ ކުރެވެމުންދާ ކަމަށެވެ.
ކެންސަރ ހޮސްޕިޓަލުގެ އިތުރުން، ރާއްޖޭގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެންމެ ނުތަނަވަސްވެފައިވާ ނަފުސާނީ ބަލީގެ ކަންކަމުގެ ފަރުވާއަށް ލ. ގަމުގައި ހޮސްޕިޓަލު ތަރައްޤީކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމަވާފައިވާކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ ފަޅީގައި ތިބެގެން ވެރިކަން ކުރާ ބަޔަކުނަމަ ކުރަންޖެހޭނެ ކަންކަމަކީ މިފަދަ ކަންކަން ކަމުގައި ފާހަގަކުރައްވާފަ އެވެ.
ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްގީކޮށް، މި ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ހިދުމަތްދޭން ފެށޭނެކަންވެސް ފާހަގަކުރައްވާފަ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ޤާއިމުކުރައްވާ ނިންމަވާނެކަމަށް ވިދާޅުވި އެވެ. އަދި އިގްތިސާދީ ބޭނުން ހިފޭ، ދެމެހެއްޓެނިވި ވިސްނުމުގެ ނަޒަރިއްޔާއިން އަންނަނިވި ޒަމާންތަކުގައިވެސް ފައިދާ ލިބެނިވި އެއަރޕޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
ތާރީޚު ދުށް ސިނާޢީ އިންޤިލާބަށް ބެލިކަމުގައި ވީ ނަމަވެސް ގައުމުތައް ކުރިއަރާފައިވަނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވެފަ އެވެ. އެއްގަމު ދަތުރުފަތުރުގެ އެންމެ ކާރުބާރު ބޮޑު ސަރަޙައްދަކީ މާލޭ ސިޓީކަން ފާހަގަކުރައްވާ، މި މައްސަލައަށް ޙައްލު ހޯއްދެއްވުމަށްވެސް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދިރާސާތައް ފަށާފައިވާއިރު، 2025 ވަނަ އަހަރު އަމަލީ މަސައްކަތް ފެއްޓެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
2025 ވަނަ އަހަރަކީ އެއް ރަށް އަނެއް ރަށަށް ގުޅާލަދޭ ބްރިޖު އެޅުމުގެ ރޮނގުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށްވުން ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެންސަރު ހޮސްޕިޓަލް ޖުމްހޫރީ ދުވަސް