ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުންގެ މެދުގައި ގެއްލެމުންދާ އިތުބާރު އަނބުރައި ހޯދައިދިނުން ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.
މަންޑޭ މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
މަންޑޭ ވިދާޅުވީ، އަދުގެ ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ޕާޓީތައް ޒިންމާދާރު ކުރުވައި ރަނގަޅުގޮތުގައި ނިޒާމު އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. އަދި މި އިސްލާހުތަކާ އެކު ރައްޔިތުންގެ މެދުގައި ނިޒާމަށް ގެއްލެމުންދާ އިތުބާރު އަނބުރައި ހޯދައިދީ ޕާޓީ ތަކުން ހިންގާ ހަރަކާތްތައް ގައުމަށް ފައިދާ ވެގެންދާނެ ކަމަށެވެ.
މީގެ ކުރިން ސިޔާސީ ޕާޓީ ތަކުން ސިޔާސީ ކަންކަމުގެ ނަމުގައި ގައުމަށް ބޮޑެތި ގެއްލުން ތައް ދީފައިވާ ކަމަށާއި، އެފަދަ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ޚަރަދުކުރަން ޖެހުނު ކަމަށްވެސް މަންޑޭ ވިދާޅުވި އެވެ.
”ދައުލަތުގެ ފަރާތުން ސިޔާސީ ޕާޓީތަކަށް މިދޭ ފައިސާ ރަނގަޅު ގޮތުގައި ވަކި ނިޒާމެއްގެ ތެރެއިން ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް ހަރަދު ކުރެވޭނެކަން މި އިސްލާހުތަކާއެކީގައި ކަށަވަރު ކުރެވިގެންދާނެ،“
މަންޑޭ ވިދާޅުވީ، މީގެ 6 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު، ގިނަ ކަންކަން އޮތީ ދޫކޮށްލާފައި ކަމަށާއި، އެއްވެސް ބަޔަކު ޖަވާބުދާރީ ކުރުވުމަށް ގާނޫނަށް އެއްވެސް އިސްލާހެއް ގެންނަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
މަންޑޭ އިތުރަށް ވިދާޅުވީ، މި ހިންގޭ ސިޔާސީ ހަރަކާތްތަކުގައި ގައުމުގެ މަސްލަހަތު ނަގާލައި ދޮގު ވަހާކަތައް ފަތުރައިގެން ރައްޔިތުންނާ ސަރުކާރާ ޖެއްސުމަށް މިހާރުވެސް ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ގެންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު