އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް އަލުން މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކޮށްފައިވަނީ ކުރިއަށްވުރެ ބޮޑު ފައިދާއެއް ދައުލަތަށް ލިބޭތީކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ވަޒީރުންނާ ސުވާލު ކުރުމުގެ މަރުހަލާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވަނީ އެ ކުންފުންޏާއެކު ކުރިން ހެދި އެއްބަސްވުން އުވާލުމުން ބަދަލު ހޯދުމަށް ހުށަހަޅާފައިވަނިކޮށް ސަރުކާރުން ބެސްޓިނެޓާއެކު އަލުން އެއްބަސްވުމެއް ހެދީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ.
އިހުސާން ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާޅުވި އިރުވެސް އެ ކުންފުނިން އޮތީ ކުރީ ސަރުކާރުތަކާއެކު އެކި ފަހަރު މަތިން ސިޓީ ބަދަލުކޮށްފައި ކަމަށެވެ. އަދި އެ މީހުންގެ ލޯ ފާމްތަކުން ދިވެހި ދައުލަތުން ބަދަލު ހޯދުމުގެ ގޮތުން ހަތަރު ފަހަރު ސިޓީ ފޮނުވާފައިވާކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެގެން ބެލިބެލުމުން ފެނުނީ މިދިޔަ ސަރުކާރުގެ އެޓާނީޖެނަރަލް މިކަމުގެ ބަދަލު ދިނުމުގެ މަރުހަލާ ފެއްޓުމަށް ލަފާފުޅުދެއްވާފައިވާކަން. ހަމައެއާއެކު އޭރުގެ ރައީސް އޮފީހުގެ ސިޓީއެއް އެބައޮތް މިކަމާ މެދު ބަދަލު ދިނުމުގެ މަރުހަލާއަށް ދާންޖެހިދާނެ ކަމަށް. އެގޮތަށް އަމަލު ކުރުމަށް އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ފޮނުވާފައި.
މެލޭޝިޔާގެ މި ކުންފުންޏާއެކު ސަރުކާރުން އަލުން އެއްބަސްވުމެއް ހަދާފައިވަނީ ދައުލަތަށް އޮބި ނޯންނަވަރުގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން ދައުވާކޮށްފައިވާތީކަމަށް އިހުސާން ވިދާޅުވި އެވެ. އެ ކުންފުނިން ދައުވާކޮށްފައިވަނީ 15 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށްކަން އިހުސާން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ވަންނަ ފައިސާގެ އަދަދު އިތުރުވާނެކަމަށްވެސް އިހުސާން ވިދާޅުވި އެވެ. އެގޮތުން ކުރިން ދައުލަތަށް ވަންނަމުން އައީ 600 މިލިއަން ރުފިޔާ ކަމަށާއި މިހާރު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ދައުލަތަށް 900 މިލިއަން ރުފިޔާ ވަންނާނެކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
މިހާރު އެ ކުންފުންޏާއެކު ހެދުނު އެއްބަސްވުމުގެ ދަށުން ކުރީގައި ދައުލަތަށް ވަންނަމުން އައީ 600 މިލިއަން ރުފިޔާ. މިހާރު ވަންނާނެ 900 މިލިއަން ރުފިޔާ.
ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި މައުލޫމާތު ހޯދައިގެން ނޫނީ ވާހަކަ ނުދެއްކުމަށް އިހުސާން ވަނީ އެދިވަޑައިގެންފަ އެވެ. އިހުސާން ވިދާޅުވީ އެފަދަ ކަމަކާ ގުޅޭ މައުލޫމާތު އެނގިވަޑައިނުގަންނަވާނަމަ އެ މައުލޫމާތު ހޯދުމަށް އެދުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިފަދަ ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަދެއްކުން ބަލައެއް ނުގަންނާނެކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް ބިދޭސީން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް