”ފަލަސްތީނާއެކު ދިވެހިން“ ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 1.2 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރްވާ) އަށް ފޮނުވައިފިކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފައިސާ އަންރްވާއަށް ފޮނުވާފައިވަނީ 20 އޮގަސްޓް 2024 ގައި ކަމަށެވެ. މި މުޢާމަލާތް ކަށަވަރުކޮށްދޭ ލިޔެކިޔުންތައް ވެސް ސަރުކާރުން ހާމަކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ޕަބްލިކް ސާރވިސް މީޑިއާއިން 12 ޖޫން 2024 ގައި ބޭއްވި މި ޓެލެތޯނުން ޖުމްލަ $1,248,826.56 ލިބިފައިވާކަން ކްރޯވ މޯލްޑިވްސް އެލްއެލްޕީން ކަށަވަރުކޮށްދީފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، މިފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާޢީދާއި، ދަތި އުނދަގޫ ދަނޑިވަޅުގައި އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބިކަމުުގެ ހެއްކެއް ކަމަށެވެ.
އޭގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
”ދިވެހި ސަރުކާރުން މިހާރު ދަނީ ދިވެހި ރައްޔިތުން ހަދިޔާ ކުރި ފައިސާ ހަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރްވާއާއެކު މަޝްވަރާކުރަމުން،“ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުން މި މައުލޫމާތު ހާމަކޮށްފައިމިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މި މައުލޫމާތު އާންމުނުކުރުމުން އެކަމުގެ ކަންބޮޑުވުންތައް ގިނަ ބަޔަކު ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފަލަސްތީނާއެކު ދިވެހިން ފަލަސްތީން