ބަޖެޓް ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަދި އެމްއެމްއޭގެ ގަވަރުނަރު ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ބަޖެޓް ކޮމިޓީން މިއަދު ވަނީ ފަށާފަ އެވެ.
އެ ކޮމިޓީން މިއަދު ވަނީ ބަޖެޓަށް ފިނޭންސް މިނިސްޓަރާއި ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދުމަށް ފާސްކޮށްފަ އެވެ. އަދި މާދަމާ ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް އެ ތިން ބޭފުޅުންގެ ލަފާ ބަޖެޓާ ގުޅޭގޮތުން ހޯއްދެވުމަށެވެ. އަދި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މާދަމާ ނިންމާލުމަށްވެސް ކޮމިޓީން ނިންމާފައިވެ އެވެ.
އެ ކޮމިޓީގެ މުގައްރިރަކަށް އައްޔަނު ކޮށްފައިވަނީ މެންބަރު ފަޒާދު އެވެ. އަދި އަދި ނައިބު މުގައްރިރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާ އެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ޕީ.އެސް.އައި.ޕީ ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިގޮތުން 2 ބިލިއަން ރުފިޔާ ވަނީ މި ބަޔަށް ކަނޑައަޅާފައެވެ. މީގެ އިތުރުން،
- ސަރުކާރު ކުންފުނިތަކަށް 441.1 މިލިއަން ރުފިޔާ،
- ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ،
- ސްޓޫޑެންޓް ލޯނަށް 458 މިލިއަން ރުފިޔާ،
- މެޑިކަލް ކޮންސިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ،
- ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ،
- ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ،
- މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ.
ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން، މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް 640.1 މިލިއަން ރުފިޔާ ލިބޭނެއެވެ. 2024 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު އިތުރުކުރެވޭ 640.1 މިލިއަން ރުފިޔާއާއެކު، މި އަހަރުގެ ޖުމްލަ އާމްދަނީ 34.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ރައްޔިތުންގެ މަޖިލިސް އަހުމަދު މުނައްވަރު އޮޑިޓާ ޖެނެރަލް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް
