ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގެންފައިވަނީ 56 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށެވެ. އެ ކޮމިޓީގައި ހިމެނެނީ:
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
- ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
މި އިސްލާހުގައި ބުނެފައިވަނީ، 2000 އަށްވުރެ މީހުން މަދު އާބާދީތަކަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުން ކަމަށާއި އަދި 2000 އަށްވުރެ މީހުން ގިނަ އާބާދީތަކަށް އިންތިޚާބުކުރާނީ 5 ކައުންސިލުން ކަމަށެވެ. 3 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 1 އަންހެން ކައުންސިލަރެއް ހިމެނެންޖެހޭނެ ކަމަށާއި އަދި 5 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 2 އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
މާލެސިޓީ ކައުންސިލް އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށް ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ. އަދި ފުވައްމަލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުކުރާނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން ކޮންމެ އަވަށަކަށް އެއް ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށް ކަމަށްވެސް ބުނެފައިވެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެލުވެގެންވަނީ ރަށެއްގައިނަމަ އެ ރަށެއްގެ ކައުންސިލަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންގެ މައްޗަށް ކަމަށާއި އަދި ސިޓިއެއްގައި ނަމަ އެ ސިޓީއެއްގެ ކައުންސިލަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންގެ މައްޗަށް ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އެލްޖީއޭގެ މަސައްކަތްތައް ހަރުދަނާ ކުރުމާގުޅޭ އިސްލާހުތައްވެސް ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ލާމަރުކަޒީ ނިޒާމް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
