މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ އަމާޒަކީ މި ސަރަހައްދުގެ އެންމެ ކުރިއަރައިފައިވާ ޓެކްސް އޮތޯރިޓީއަށް މީރާ ހެދުންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ޒަރީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޒަރީރު ވިދާޅުވީ، މީރާގެ ކުރިއަށްއޮތް 4 އަހަރަގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ކަމަށެވެ.
އެގޮތުން ރާއްޖޭގައި ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓުންނާއި އެކުވެސް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
މީގެއިތުރުން މީރާއާއި މެދު ޓެކްސް ދައްކާ ފަރާތްތަކުން ދެކޭގޮތް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސްޓްރެޓީޖިކް ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދެނީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޓެކްސް އޮތޯރިޓީއަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.
”ސްޓްރެޓީޖިކް ޕްލޭންގައި ވަރަށް ބޮޑަށް ފާހަގަކޮށްފައި ހުންނާނެ މީރާއަކީ މި ރީޖަންގެ އެންމެ ލީޑިންގ ޓެކްސް އޮތޯރިޓީއަށް ހެދުމަށް އަޅުގަނޑުމެން ކުރާނެ މަސައްކަތްތައް، މިހާރުވެސް ރާއްޖޭގެ ލެވަލްގައި ބެންޗު މާކު ކުރެވޭ ފަދަ އެޖެންސީއެއް“
ޒަރިރު ވިދާޅުވީ، މީރާއަށް ޒަމާނީ ގިނަ ބަދަލުތަކެއް ގެނައުމަށް ރާވަމުންދާ ކަމަށާއި، އެގޮތުން، ޓެކްސް ދެއްކުމުގެ މުޅި ޕްރޮސެސް އޮޓޮމޭޓުކުރުމަށް ވިސްނާފައިވާ ކަމަށެވެ.
މީރާއިން ވަނީ، ބައެއް ސްޓޭކްހޯލްޑަރުންނާއެކު ”މީރާގެ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން އިވެންޓް“ގެ ނަމުގައި ފޯރަމެއް މިމަހުގެތެރޭގައި ބާއްވާފަ އެވެ. މީރާގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ ޚިޔާލާއި މަޝްވަރާހޯދުމަށް ބޭއްވި މި ބައްދަލުވުމުގައި މީރާއިން އިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް ޓެކްސްދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެފަދަ ގޮތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
