ދަރުމަވަންތަ ކައިރީގައި 25 ބުރީގެ ކެންސަރު ހޮސްޕިޓަލެއް އަޅަނީ

Advertisement

އެންމެ ފަސް

Advertisement

ދަރުމަވަންތަ ހޮސްޕިޓަލާ ޖެހިގެން ދޫކޮށްފައިވާ ބިމުގައި 25 ބުރީގެ ކެންސަރު ހޮސްޕިޓަލެއް ތަރައްގީކުރާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުން މިއަދު ހާމަކޮށްފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، އިތުރުވަމުން އަންނަ އާބާދީއަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މިހާރުގެ މެޑިކަލް ފެސިލިޓީތަކާއި މާލޭގެ ހޮސްޕިޓަލްތަކުގެ އެނދުގެ ޖާގަ އެކަށީގެންނުވާ ކަމަށެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ސިއްޙީ ޚިދުމަތްތައް ފުޅާކުރުން. އެކަން ކުރެވޭނީ އެނދުގެ ޖާގަ އިތުރުކޮށްގެން،“ އަބްދުއްރައްޒާގު ވިދާޅުވި އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުން ބުނީ މިއަހަރު ނިމޭއިރު ވޯޑުތަކާއި އެމަޖެންސީ ރޫމްތަކާއި އެހެނިހެން ކޮންމެހެން ބޭނުންވާ ސިއްޙީ ޚިދުމަތްތަކާއެކު އިތުރު 172 އެނދު ޚިދުމަތަށް ގެނެވޭނެ ކަމަށެވެ.

ސީއީއޯ އަބްދުއްރައްޒާގު ވިދާޅުވީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޑިޒައިނާއި ކޮންސެޕްޓް މަސައްކަތްތައް ހިމެނޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޝްރޫޢުތަކުގެ ތަފްސީލާއި ކޮންޓްރެކްޓަރުންގެ މަސައްކަތްތައްވެސް ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ފުރިހަމަ ވަސީލަތްތަކާއެކު ކެންސަރު ހޮސްޕިޓަލެއް ތަރައްގީކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ފަށާފައިވަނީ، ބަލިމީހުންގެ ތަކުލީފު ލުއިކޮށްދީ، ކެންސަރުގެ އެންމެ ޒަމާނީ ފަރުވާ ރާއްޖޭގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގަ އެވެ.

އަބްދުއްރައްޒާގު ވިދާޅުވީ ކުރީގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ވަސީލަތްތައް ރަނގަޅަށް ނުގެންގުޅެ ހަލާކުވާން ދޫކޮށްލި ކަމަށެވެ. އަދި އާ ހޮސްޕިޓަލް ފުރަތަމަ އަހަރުގެ ތެރޭގައި ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހޮސްޕިޓަލުން ކެންސަރަށް ފަރުވާދިނުމުގެ އިތުރުން އެހެނިހެން ސްޕެޝަލިސްޓް ޚިދުމަތްތައްވެސް ފޯރުކޮށްދޭނެ ކަމަށް އަބްދުއްރައްޒާގު މަޢުލޫމާތު ދެއްވި އެވެ.

ކެންސަރު ބަލި އައިޖީއެމްއެޗް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ