ސަރުކާރުގެ ފަރާތުން ބޮޑު ކުރަން ހުށަހަޅާފައިވާ ޓޫރިޒަމް ދާއިރާގެ މުދަލާ ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ ނަގަން ފަށާ ތާރީހު ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހަޅުއްވައިފި އެވެ.
ތޯރިގު މިގޮތަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުށަހެޅި 4 ބިލެއް ދިރާސާ ކުރުމަށް މިއަދު މުޅި މަޖިލީހުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާ މަޝްވަރާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓޫރިޒަމްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ.
މި ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ ޓީޖީއެސްޓީ ބޮޑު ކުރުމާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް މި ބަދަލު ގެންނަ ތާރީހު ފަސްކޮށްލަން ފެންނަ ކަމަށެވެ. އެގޮތުން މިހާރު ބިލުގައި ބުނެފައިވާ ޖޫން 1، ގެ ބަދަލުގައި އާ ރޭޓުން ޓެކްސް ނެގުން އޮކްޓޫބަރު 31 އަށް ފަސްކޮށްލަން ފެންނަކަމަށް ތޯރިގު ވިދާޅުވި އެވެ.
1 ޖޫން އަކީ ވަރަށް ކުރު މުއްދަތެއް، ޓެކްސްއެއް، ހާއްސަކޮށް ވިޔަފާރިއަކަށް ބަލާއިރު ބޮޑު ކުރަން. އެހެންވީމާ އެ މުއްދަތު 31 އޮކްޓޫބަރު 2025 އަށް ހަދަން ހުށަހަޅަން.
ތޯރިގު ވިދާޅުވީ ޓެކްސް ބޮޑު ކުރުމާ އެއްވެސް ވަރަކަށް ދެކޮޅެއް ނޫން ކަމަށާއި ޓެކްސް ބޮޑު ކުރަން ޖެހޭ ސަބަބުތައް ބައިވަރު އެބަ ހުރި ކަމަށެވެ.
މި އިސްލާހަށް މިއަދުގެ ކޮމިޓީގައި ވޯޓަށް އަހާފައެއް ނުވެ އެވެ. ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި އިސްލާހަށް ވޯޓަށް ނޭހީ މި ބިލުގެ މަސައްކަތް ސަބް ކޮމިޓީއަކަށް ފޮނުވަން ނިންމާފައިވާތީކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް)