ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތަކެވެ.
ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ހިމެނެ އެވެ. މީގެ ތެރޭގައި 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. މީގެ އިތުރުން 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެ އެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބަނދަރު ބޮޑުކޮށް ޖާގައިތުރުކުރުމާއި، ޖެޓީ ތަރައްޤީކުރުމެވެ. މިހާރު ރަށުގައި ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 މީޓަރ ފުޅާ ބަނދަރެކެވެ. ނަމަވެސް، ބަނދަރަށް އިތުރުކުރާ ބަޔާއެކު ދިއްދޫ ބަނދަރުގެ ސައިޒު ދެގުނަ އިތުރުވެ، 600 މީޓަރުގެ ބަނދަރަކަށް ވެގެންދާނެ އެވެ.
މި މަޝްރޫޢު ނިމުމުން، ދިއްދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބަނދަރު ބޭނުންކުރެވި، ރަށުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެ އެވެ. އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މަޝްރޫޢުގެ ބާކީ މަސައްކަތްތައްވެސް އަވަހަށް ނިންމާލުމަށް މަސައްކަތްކުރަމުންދެ އެވެ.
ހއ. ދިއްދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)