ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އާއިލީ ބޭފުޅަކަށް 2017 ވަނަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކި ބިމެއްގެ މައްސަލަ ބެލުމަށް އެ ކުންފުނީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އެދިއްޖެ އެވެ.
ފަޒުލް މިހެން ވިދާޅުވީ ’އަދަދު‘ ނޫހުން ’ފަޒުލްގެ އަންހެނުން ހިމެނޭހެން ހަ މީހަކަށް ހާއްސަ އުސޫލަކުން ހުޅުމާލޭން ގޯތިތަކެއް ވިއްކައިފި!‘ ނަމުގައި ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓަކާއެކު ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ޖަމީލްގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ބޯހިޔާވަހިކަމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ލިބެންޖެހޭ އެއްޗެއް ކަމަށެވެ. ހާއްސަ އުސޫލަކީ ގާނޫނުން ބޭރުކަމެއްކަމަށްވެސް ވިދާޅުވެފައިވެ އެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޖަމީލު ވަނީ ގޮވާލައްވާފަ އެވެ. އަދި އެޗްޑީސީގެ އެމްޑީ ފަޒުލްއަށް ފިޔަވަޅުއަޅަން ޖެހޭކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ފަޒުލްގެ އަންހެނުން ހިމެނޭހެން ހަ މީހަކަށް ވިއްކި ގޯތިތަކަކީ ކޯޓު އަމުރެއްގެ ދަށުން ވިއްކާފައިވާ ގޯތިތައްކަމަށް އެޗްޑީސީން ބުނެ އެވެ. މީގެ ކުރިންވެސް އެގޮތަށް ކޯޓު މައްސަލަތަކުގައި ގޯތި ވިއްކާފައި އެބަ ހުއްޓެވެ.
ޖަމީލްގެ ވާހަކަތަށް ރައްދު ދެއްވަމުން ފަޒުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 2017 ވަނަ އަހަރު ކޯޓަކުން ނިންމި ނިންމުމެއް ހިއްސާ ކުރައްވާފަ އެވެ. އެ މައްސަލައަކީ 2017 ވަނަ އަހަރު ކުރިއަށް ދިޔަ މައްސަލަ އެކެވެ. އެއީ އޭރު އެޗްޑީސީން ވިއްކަން އިއުލާން ކުރި ބިންތަކަކަށް ބިޑް ކުރި ނާފިޒް މުހައްމަދު ކިޔާ މީހަކު ކޯޓަށ ހުށަހެޅި މައްސަލައަކެވެ. މި މައްސަލައިގައި އެޗްޑީސީއަށް ލިބިދާނެ ގެއްލުމަކަށް ބަލާ ކޯޓުން ބޭރުން މި މައްސަލަ ވަނީ ހައްލުކޮށްފަ އެވެ.
މައްސަލަ ހައްލުކޮށްފައިވަނީ އަކަފޫޓަކަށް 4،001 ރުފިޔާގެ މަގުން 2،095.52 އަކަފޫޓުގެ ބިމެއް ނާފިޒު މުހައްމަދަށް ދޭ ގޮތަށެވެ. އެގޮތުން ދީފައިވަނީ ލޮޓް ނަންބަރު 115 އާއި ލޮޓް ނަންބަރު 116 އެވެ. މި ދެ ޕްލޮޓަކީވެސް 2017 ވަނަ އަހަރު އެޗްޑީސީން ހުޅުމާލެ 2 ވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލި އިއުލާނުގައި ނުހިމެނޭ ދެ ޕްލޮޓެވެ.
މި މައްސަލައިގައި ހިމެނޭ ނާފިޒް މުހައްމަދަކީ ޑރ. މުހައްމަދު ޖަމީލްގެ އާއިލީ ގުޅުން އޮތް ފަރާތެކެވެ. އަދި މި މައްސަލައިގައި ހިމެނޭ ވަކީލަކީ ޖަމީލްގެ ލޯ ފާމް ސުލްތޯން ޗެމްބާސްގެ ވަކީލެކެވެ.
ފަޒުލް ވިދާޅުވީ މިކަންވެސް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީއާއި މިކަން ފުށުއަރާތޯ ބެލުމަށްވެސް އެދިފައިވެ އެވެ. ދިވެހި ރައްޔިތުންނަށް ރާއްޖޭގެ ކޯޓްތަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިގެންވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހައްގު ލިބިގެންވަނީ ހަމައެކަނި ޖަމީލުގެ އާއިލާއަށް ކަމަށް ދެކުމަކީ ކޮށި ވިސްނުމެއްކަމަށް ފަޒުލް ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ޑރ. މުހައްމަދު ޖަމީލް