އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވައިދުން އުރަމަތީގެ ކެންސަރަށް ސްކްރީންކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިފަދައިން އެކަމަނާ ވިދާޅުވީ މިއަދު ބޭއްވުނު އުރަމަތީގެ ކެންސަރުން ހޭލުންތެރިކުރުމަށް ފެށި ގައުމީ ސިމްޕޯޒިއަމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ، މި ވައްތަރުގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި އުރަމަތީގެ ކެންސަރު އޭގެ ކުރީކޮޅުގައި ފަރުވާކޮށްގެން ރަނގަޅުވީ ނަމަވެސް އެކަމުގެ ސަބަބުން އަންހެނުން ތަހައްމަލް ކުރާ އުދަނގޫތައް ގިނަ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
”އަވަހަށް އުރަމަތީ ކެންސަރު ހުރިކަން ދެނެގަނެ ފަރުވާ ދިނުމަށް ފިޔަވަޅު އެޅުމާއި، އަވަހަށް ހޯދާ ފަރުވާއިން ބަލިން ފަސޭހަވާ މިންްވަރު ބޮޑުވޭ،“ ސާޖިދާ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ތްރީޑީ މެމޮގްރާމް ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރަށް ނުގޮސް އެކަން ކޮށްލެވެން ހުރުމަކީވެސް ފަސޭހައެއް ކަމަށް ސާޖިދާ ފާހަގަކުރެއްވި އެވެ. އަދި ކެންސަރު ބަލީގެ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކީމޯތެރަޕީގެ ހިދުމަތްވެސް މިހާރު ރާއްޖެއިން ލިބެން ހުންނާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އުފައްދާ، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މި ސިމްޕޯޒިއަމްގައި ޞިއްޙީ ދާއިރާގެ މާހިރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި އާންމު ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކެންސަރު ބަލި