ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތްދޭން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބ. ދޮންފަނު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ފުލުހުން ގާއިމުވެތިބެ އެ ރަށުގައި ހިދުމަތްދޭން ފަށައިފި އެވެ.

ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި އެރަށުގެ ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު އެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އެވެ. އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، ދޮންފަނުގެ ރައްޔިތުންގެ ހަޔާތުގައި މިއަދަކީ ވަރަށް ތާރީހީ އަދި އެހާމެ އުފާވެރި ދުވަހަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއަދު މި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ، ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީއާއެކު ސައިބަރ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ފުލުހުންގެ ހިދުމަތް ގާއިމުވެގެން ދިއުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން، ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އެފަދަ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލު ރައީސް އަޙްމަދު އަފްރާޙް އަދި ދޮންފަނު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބ. ދޮންފަން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ