ހުޅުމާލޭގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް މިއާ (25 އަހަރު) ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު 21 އަހަރުގެ އަންހެން މުވައްޒަފަށް ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރު ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ޖަހަންގިރް މިއާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފޫޓޭޖް އަދި އެހެނިހެން ހެކިތަކުގެ އަލީގައި ކުރެވުނު ތަހުގީގަށް ފަހު އެވެ.
ޖަހަންގިރް ހައްޔަރުކޮށް، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު އަންހެން މުވައްޒަފުގެ ހާލަތު މިހާރު ވަނީ ސްޓޭބަލް ވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އަދި މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ހާމަކުރާނީ ތަހުގީގަށް ދަތިނުވާ މިންވަރަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.