މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ކަމަށެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ތިން މީހުންނާއި ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމު ހުރި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަހްމަދު (34 އަހަރު)
- މާލެ / މއ. މަޒާގެ، އާމިނަތު އިއްލިއްޔީން އަހްމަދު (25 އަހަރު)
- ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު އަލީ (34 އަހަރު)
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އައިޝް އަހްމަދު 10 ދުވަހަށް އަދި އާމިނަތު އިއްލިއްޔީން އަހްމަދާއި އިނާޔަތު އަލީ 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.