ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިން، 2024 ވަނަ އަހަރުގެ ’ޗައިނީސް އެމްބެސެޑަރ ބާސަރީ އެވޯޑް‘ ހަފްލާގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ 32 ދަރިވަރަކަށް އެވޯޑް ހަވާލުކޮށްދެއްވައި ފިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަންގް ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެފައިވާ ފަދައިން، ޒުވާނުންނަކީ މުޖުތަމައުގައި އެންމެ ހަރަކާތްތެރި ބާރެއް ކަމަށާއި، ޤައުމުގެ އުންމީދު އޮތީ ޒުވާނުންގެ ތެރޭގައި ކަމަށެވެ. އަދި ޤައުމުގެ މުސްތަޤްބަލް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، ސަފީރު ވަންގް ވަނީ ޗައިނާ ސަރުކާރުގެ ސްކޮލަޝިޕްގެ އެހީގައި ޗައިނާއަށް ޒިޔާރަތްކުރުމަށް ނުވަތަ ޗައިނާގައި ކިޔެވުމަށް އިތުރު ރާއްޖޭގެ ދަރިވަރުންނަށް މަރުހަބާ ކިޔުއްވާފަ އެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެމްއެންޔޫ އަދި އައިޔޫއެމްގެ 12 ދަރިވަރުންގެ ގްރޫޕެއް ޗައިނާއަށް ޒިޔާރަތްކުރާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
މި ހަފްލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަޙްމަދު ޝަފީއު، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޑރ. އައިޝަތު އާދަމް، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ އައިޝަތު ވަހީދާ، އަދި ދެ ޔުނިވަރސިޓީގެ ފެކަލްޓީ މެމްބަރުންނާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެވޯޑް ދިނުމުގެ ހަފްލާއަކީ ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ތަޢުލީމީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްގެ ގޮތުގައި ބެލެވެ އެވެ. އަދި މި ފުރުޞަތުތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ޗައިނާގެ ތަޢުލީމީ ނިޒާމާއި ސަގާފަތް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.