ސްޕެނިޝް ލީގުގައި ރޭ 2-1 ގެ ނަތީޖާއަކުން އަލަވޭސް ބަލިކޮށް، ރެއާލް މެޑްރިޑުން ޕްރެޝަރު ކުޑަކޮށްފިއެވެ.
ރެއާލުން އެންމެ ފަހުން މުޅުނު ދެ މެޗުގައި ސެލްޓަ ވީގޯ އަދު މެންޗެސްޓާ ސިޓީ އަތުން ބަލިވެފައިވާއިރު، އެ ޓީމާއި ކޯޗު ޒަބީ އަލޮންސޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އަދި ރޭގެ މެޗުން ބަލިވިނަމަ، އަލޮންސޯ މަގާމުން ވަކިކުރާނެ ކަމަށް ގިނަ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ނަމަވެސް، ރެއާލުން ވަނީ މުހިންމު މޮޅަކާއެކު ހިތްހަމަޖެހުމެއް ހޯދާފައެވެ.
އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ އަށް ނުކުޅެވުނު ނަމަވެސް، ރޭ އަލަވޭސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ކުޅެފައިވެއެވެ. މެޗުގައި ރެއާލަށް ފުރަތަމަ ކުރި ހޯދައިދިނީވެސް އެމްބާޕޭ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލާފައެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު ރެއާލާ ގުޅުނު ފަހުން އެމްބާޕޭ ވަނީ އެ ޓީމަށް 70 ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 68 ވަނަ މިނެޓުގައި ކާލޮސް ވިސެންޓޭ ވަނީ ލަނޑު ޖަހައި އަލަވޭސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ ކުޅެން ނިކުތްތާ މިނެޓެއް ފަހުންނެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލް މޮޅުކޮށްދިނީ ރޮޑްރީގޯ އެވެ. މި ސީޒަނުގައި ރޮޑްރިގޯ އަށް ފުރަތަމަ 11 އިން ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، އޭނާ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ލަނޑު ޖަހާފައެވެ.
މި ނަތީޖާއާއެކު ރެއާލުން ވަނީ އަނެއްކާވެސް ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އެއްވަނައިގައި ބާސެލޯނާއަށް 43 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި ރެއާލަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.



