ޗައިނާގެ 14 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ސްޓޭންޑިންގ ކޮމިޓީގެ ނައިބު ރައީސް، ވޯންގް ޑޮންގްމިންގް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވާ ރާއްޖޭގެ ތަރައްގީގެ މަޝްރޫތަކަށް އެއްބާރުލުން ދިނުމަށް ޗައިނާއިން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވައިފި އެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒާއި އެންޕީސީގެ ނައިބު ރައީސް ވޯންގް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ފަރާތްޕުޅުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި ތާއީދަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙުމަތްތެރިކަމާއި، އިތުބާރަށް ބިނާކޮށް، އެކި ދާއިރާތަކުން ޗައިނާއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ޤަސްތުކުރާކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ. މީގެ އިތުރުން، އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫޢުތައް ހިމެނޭ ގޮތަށް، ޗައިނާއިން ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެއްބާރުލުމުގެ އާ ދޮރުތައް ހުޅުވައި، މިހާރު ހުރި ބައިވެރިވުންތައް އިތުރަށް ވަރުގަދަކުރުންކަމަށް ރައީސް އޮފީހުން ބުނެ އެވެ. މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހައުސިންގ އަދި އިންފްރާސްޓްރަކްޗާ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން، ދަތުރުފަތުރުގެ ނިޒާމު، އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)، އަދި ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ. ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކުގައި ސޮއިކުރެވުނު އެތައް އެއްބަސްވުންތަކާއި އެމް.އޯ.ޔޫތަކުގެ ކުރިއެރުންތަކަށް ދެ ބޭފުޅުން ވެސް ވަނީ ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ.
އެންޕީސީގެ ނައިބު ރައީސް ވޯންގް ޑޮންގްމިންގް ވިދާޅުވީ، ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގެ މަޤްޞަދަކީ ދެ ޤައުމާއި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތެއްގައި މި ބައިވެރިވުން އިތުރަށް ވަރުގަދަކުރުން ކަމަށް ވިދާޅުވިނއެވެ. މީގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫތަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ޤައުމަށް ވެސް ފައިދާހުރި ނަތީޖާތަކެއް ނެރުމަށްޓަކައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމް އާކުރައްވާފަ އެވެ. އެންޕީސީގެ ނައިބު ރައީސް ވޯންގް ޑޮންގްމިންގްގެ އަރިހުގައި ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ޗައިނާ


