ރާއްޖޭގެ އައިޓީ އިންޑަސްޓްރީ ތަރައްގީކުރުމަށްާ އެެއްބާރުލުން ދޭން އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ޗީފް މިނިސްޓަރް ސިދަރަމައިޔާ ހުށަހަޅައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ ޓީއޯއައި އިން ބުނީ ސިދާރަމައިޔާ މިގޮތަށް ހުށަހެޅުއްވީ ރައީސްގެ ދެކަނބަލުން މިހާރު އިންޑިއާގެ ބެންގަލޫރަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިރޭ ދެއްވި ޖާފަތެއްގަ އެވެ.
ސިދާރަމައިޔާ ވިދާޅުވީ ބެންގަލޫރަކީ އިންޑިއާގެ ސިލިކޯން ވެލީގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދެެއް ކަމަށެވެ. އެތަނަކީ ސްޓާޓްއަޕް ކުންފުނިތަކުން ފެށިގެން ބޮޑެތި ކުންފުނިތަކަށްދާންދެން އީކޯސިސްޓަމްތައް ބިނާކޮށްދިން ސަހަރެއް ކަމަށެވެ. އަދި އޭއައިގެ ދާއިރާއިންވެސް ކާމިޔާބީ ހޯދަމުންދާ އުފެއްދުންތެރިކަމެއްގެ ހަބެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
”އަޅުގަނޑުމެން ރާއްޖޭގެ އައިޓީ އިންޑަސްޓްރީ ތަރައްގީކުރާނީ އުފަލާއިއެކު“
މި ޖާފަތުގައި ވާހަކަދައްކަވަމުން ޗީފް މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަކީ ބެންގަލޫރުގެ ސޭއިންޓް ޖޮސެފްސް ޔުނިވާސިޓީ އިން ތައުލީމު ހާސިލުކުރެއްވި ބޭކަނބަލެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ރައީސް ބެންގަލޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ ހެއްކެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރަށްވެސް، ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިންނާ ހަމައަށް އެ ސްޓޭޓްގެ އަތްތެރި މަސައްކަތުގެ މާކެޓިން ޕްރޮމޯޓް ކުރުމަށް ކަރްނާޓަކާއިން ބޭނުންވާ ކަމަށް ވެސް ސިދާރަމައިޔާ ވިދާޅުވި އެވެ.
މި ޖާފަތުގައި ކަރްނާޓަކާގެ ގަވަރުނަރު، ތަވާރު ޗާންދު ގެހްލޮޓްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ - އިންޑިއާ ބެންގަލޫރު