ސައްހަ ނޫން ފިންގަޕްރިންޓެއް ޖަހައިގެން ޖުމްހޫރީ ޕާޓީއަށް މީހަކު ވެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމަކާ ގުޅިގެން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފައިވަނީ ނ. ވެލިދޫއަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ. މީނާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހްނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.
މީނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، 2020 ޖަނަވަރީ 14 ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އެހެން މީހަކު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުގައި އެމީހާގެ ނަމުގައި ސޮއިކޮށް އެ ފޯމުގައި މީނާ ފިންގަޕްރިންޓް ޖަހާފައިވާތީ އެވެ.
މި ދައުވާއަށް މީނާ ވަނީ ކޯޓުގައި އިންކާރުކޮށްފަ އެވެ. އަދި ކޯޓުގައި ބުނެފައިވަޏީ އެނގިހުރެ ސައްހަނޫން ލިޔުމެއް އުފައްދާފައި ނުވާނެ ކަމަށާއި މިކަމަކީ ވަރަށް ބޮޑު އޮޅުމެއްގެ ތެރެއިން ހިނގާފައި އޮތް ކަމެއް ކަމަށެވެ. އަދި މިކަމަކީ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ނިޔަތުގައި ކޮށްފައިވާ އޮތް ކަމެއް ނޫންކަމަށްވެސް ބުނެފައިވެ އެވެ.
ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީއަށް ވަނުމަށް އެދި މީނާ ފޯމު ފުރިއިރު ފޯމުގައި ސޮއިކޮށް ފިންގަޕްރިންޓް ޖެހިނަމަވެސް ފޯމުގައި މައުލޫމާތު ފުރިހަމަ ކޮށްފައި ނުވާނެ ކަމަށާއި އަދި އެފޯމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތަކުން އެދިގެން އިތުރު ފޯމެއްގައި ފިންގަޕްރިންޓް ޖެހިކަމަށް މިނާ ބުނެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ސުވާލު އުފެދިފައިވާ ފޯމުގެ އިތުރުން މީނާގެ ނަމުގައިވެސް ޖުމްހޫރީ ޕާޓީއަށް ވަނުމަށް އެދޭ ފޯމެއް ހުށަހަޅާފައިވާކަން އެނގެން އޮތްކަމަށާއި، މި މައްސަަލައިގައި ސުވާލު އުފެދިފައިވާ ފޯމުގައިވާ އަތުލިޔުމަކީ މީނާގެ އަތުލިޔުން ނޫންކަމަށާއި އަދި އެއީ އެހެން މީހެއްގެ އަތުލިޔުންކަން ކަށަވަރު ކުރެވިފައިވާކަންވެސް ފާހަގަ ކޮށްފައިވެ އެވެ.
ކޯޓުން ބުނެފައިވަނީ މި މައްސަލައިގައި ސުވާލު އުފެދިފައިވާ ފޯމުގައި މިނާ ފިންގަޕްރިންޓް ޖަހާފައިވީނަމަވެސް އެ ފޯމު އެހެން މީހެއްގެ ނަމުގައި ފުރާފައިވަނީ މީނާގެ އެނގުމުގެ ތެރެއިންކަން ސާބިތުވާ ހެއްކެއް ނުވަތަ ޤަރީނާއެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ އަމަލީ މިމައްސަލައިގައި ދައުވާކޮށްފައިވާ ކުށުގެ އުންސުރުތައް ފުރިހަމަވާ އަމަލެއްކަމަށް ޝަރީއަތަށް ބުރަ ނުވެވޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން މި ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) ދިވެހި ފުލުހުންގެ ޚިދުމަތް ޖުމްހޫރީ ޕާޓީ
