އައްޑޫ ސިޓީގައި ގާއިމްކުރާ ގާމެންޓް ފެކްޓްރީއަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެފުރުސަތު ހުޅުވާލާނެ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހާމަކޮށްފި އެވެ.
ބީސީސީން މަޢުލޫމާތު ދެމުން ބުނީ، މި މަޝްރޫއަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާނީ ތިން ގޮތަކަށް ކަމަށެވެ. އެއީ ޖޮއިންޓް ވެންޗާ އުސޫލުންނާއި، ކޮންޓްރެކްޓަރު ފައިނޭންސް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުންނެވެ.
މިި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި މަޝްރޫއުގެ ކޮންސަލްޓެންޓް މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސްފަ އެވެ. ބީސީސީން ވިދާޅުވީ މި މަޝްރޫއަކީ އައްޑޫ ސިޓީގައި ފެހުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ ފަހި ފުރުސަތެއް ކަމަށެވެ.
އިތުރަށް ބީސީސީން ހާމަކުރި ގޮތުގައި މި ގާމެންޓް ފެކްޓްރީގެ މައިގަނޑު އަމާޒަކީ ފެހުމުގެ ވިޔަފާރިކުރާ ފަރާތްތަކުން އުފައްދާ އުފެއްދުންތައް ފަސޭހައިން މާކެޓުކޮށް، ބާޒާރަށް ނެރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމެވެ.
މި މަޝްރޫއު ފެށުމުން އައްޑޫ ސިޓީގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މިއީ ރާއްޖޭގެ ފެހުމުގެ ސިނާއަތަށް އައު ހަރުފަތަކަށް އަރައިގަތުމުގެ ފުރުސަތެއް ކަމަށްވެސް ފާހަގަކުރެވެ އެވެ.
ބީސީސީ އައްޑޫ ސިޓީ ކައުންސިލް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު
