18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އަތޮޅު ތެރެއިން ރިޕޯޓްކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ ސައުތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށަކުން ކަމަށެވެ. އެ ޑިވިޝަންގައި ހިމެނެނީ މ. ފ. ދ. ތ. ލ އަތޮޅެވެ.
މިއީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކާއި ގުޅޭ މައްސަލައެއް ކަމުން ފުލުހުން ވަނީ ކުއްޖާގެ ވަނަވަރު ހާމަނުކުރުމުގެ ގޮތުން މި ހާދިސާ ރިޕޯޓްކުރި ރަށުގެ ނަން އާންމުނުކުރާނެ ކަމަށް ބުނެފަ އެވެ.
ފުލުހުން ބުނީ އެ ޑިވިޝަންގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުން ނެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ސޯޝަލް މިނިސްޓްރީ އާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.