އެމްޕޮކްސްއަށް ޝައްކުކުރެވޭ ދެ ކޭސްއެއް ރާއްޖެއިން ރިޕޯޓްކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ދެ ކޭސްއެއް ރިޕޯޓްކުރި ނަމަވެސް، އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށެވެ. އަދި އެ ކޭސްވެސް ޕޮޒިޓިވް ވެފައިވަނީ ޗިކަން ޕޮކްސްއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޕޮކްސްއަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށެވެ.
”މިހާ ހިސާބަށް އައިއިރު އެ ބަލީގެ އަލާމާތެއް ހުރި މީހެއްވެސް ރާއްޖެއިްނ ފެނިފައެއް ނެތް. ރާއްޖެއަށް އިމްޕޯޓްވެފައެއްވެސް ނެތް.“
ފާނަބަސަންދެކޭ އެއްގޮތަށް މުޅި ގައިގައި ބޮޑެތި ބިހި ނަގަން މެދުވެރިވާ މަންކީ ޕޮކްސް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އެކަށޭނަ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފައިވެ އެވެ.
މިހާރު މި ބަލި ދަނީ އަވަށްޓެރި ޕާކިސްތާނަށްވެސް ފެތުރިފަ އެވެ. މި ބަލި އިއްޔެ ވަނީ ތައިލޭންޑުން ވެސް ފެނިފަ އެވެ. ތައިލޭންޑުން ފެނުނީ މި ބަލީގެ އެންމެ ނުރައްކާތެރި ވޭރިއަންޓް ކްލޭޑް-ބީ1 އެވެ. ފުރާނައަށް އެންމެ ނުރައްކާތެރި މި ވޭރިއަންޓް ފެނިފައިވަނީ ޔޫރަޕުން ތައިލޭންޑަށް އައި މީހެއްގެ ފަރާތުން ނެވެ.
ރާއްޖެއަކީވެސް ތައިލޭންޑަށް އެކި ކަންކަމުގައި ދަތުރު ކުރާ މީހުން އުޅޭ ގައުމަކަށްވުމުގެ އިތުރަށް އެގައުމުގެ އެކްސްޕެޓުންވެސް ރާއްޖޭގައި މަސައްކަތްކުރާ ގައުމެކެވެ. މިކަމާއި ގުޅިގެން ”ޖަވިޔަނީ“ގެ ޓީމުން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރާއި ސުވާލުކުރުމުން މައިމޫނާ ވިދާޅުވީ އެޗްޕީއޭއިން އަދި އެއްވެސް ޓްރެވަލް ނޯޓިސްއެއް ނެރެން މަސައްކަތް ނުކުރާނެ ކަމަށެވެ. ނަމަވެސް، ރާއްޖެއަށް އަންނަ މީހުން މޮނީޓާ ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފައިވެ އެވެ.
މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަވެ، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބަލިއެކެވެ. ނަމަވެސް އެއްބައި ހާލަތްތަކުގައި މިއީ ގައިންގަޔަށް އަރާ ބަލިއެއްވެސް މެއެވެ.
އެމްޕޮކްސް މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް