ރައްޔިތުންގެ މަޖިލީހުން 82 އިންސައްތަ މަސައްކަތް ނިންމާ، ދައުރުގެ ފަހު ޖަލްސާ މިރޭ ބާއްވާނެ ކަމަށް ރިޔާސަތުން ހާމަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީތަކުން ނިންމި ގިނަ މަސައްކަތްތަކެއް ތާވަލުކޮށް އެ ބިލު ތަކަށް ވޯޓަށް އަހާފަ އެވެ.
މިއަދުގެ ޖަލްސާ ނިންމާލަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ 28 މޭ 2024 އިން 22 އޮގަސްޓް 2024 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުން 82.9 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެގޮތުން 23 ބިލެއް ހުށަހެޅިއިރު އޭގެތެރެއިން 12 ބިލެއް ކޮމިޓީގައި އޮތް ކަމަށާއި އަދި 11 ބިލެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 12 ސުވާލެއް ހުށަހެޅިއިރު އެ 12 ސުވާލުގެ މަސައްކަތްވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ސަރުކާރުން ހުށަހެޅި 9 މައްސަލައެއް ނިންމާފައިވާ ކަމަށާއި އަދި ރިޔާސަތުން ހުށަހެޅި 13 މައްސަލައެއް ނިންމާފައިވާ ކަމަށެވެ.
މި ދައުރު ނިންމުމުގެ ޖަލްސާ މިރޭ 09:00 ގައި ބާއްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ބޮޑަށް ބެލެވޭ ގޮތުގައި މިރޭގެ ޖަލްސާއަށް ޕީޖީ ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ އެވެ.
ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންވާނީ 3 ދައުރުގެ މައްޗަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެ އެވެ.