ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ފްލީޓަށް އިތުރު ތިން އޭޓީއާރު މަތިންދާބޯޓު ގެނައުމަށް ނިންމައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް) އިން ރަސްމީކޮށް އިއުލާންކޮށް، އޭޓީއާރު 42-600 ގެ ތިން މަތިންދާބޯޓު ކުލި އުސޫލުން 15 އަހަރުގެ މުއްދަތަކަށް ހޯދުމަށް އެދިފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮގަސްޓް 29 ގެ ކުރިން އެކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.
އައިއޭއެސްއެލް އިން ވަނީ މަތިންދާބޯޓުތައް ގެންނަ ދުވެލި މޮނިޓަރ ކުރުމަށް ޝެޑިއުލެއް އެކުލަވާލާފަ އެވެ. ޝެޑިއުލްގައިވާ ގޮތުން ފުރަތަމަ އޭޓީއާރު އަންނަން ޖެހޭނީ ޑިސެމްބަރު މަހު ކަމަށާއި ދެވަނަ އޭޓީއާރު އަންނަން ޖެހޭނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އައިއޭއެސްއެލް އިން އިތުރު އޭޓީއާރު މަތިންދާބޯޓުތައް ހޯދަން އިއުލާން ކުރިއިރު، އެ ކުންފުނިން ވަނީ މެއި މަހު އޭޓީއާރު މަތިންދާބޯޓެއް އެ ކުންފުނީގެ ފްލީޓަށް ތައާރަފްކޮށްފަ އެވެ.
އެ މަތިންދާބޯޓު އައުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އައިއޭއެސްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވަނީ އޭޓީއާރުގެ އެހީތެރިކަމާއެކު ކުންފުނީގެ ހިންގުމުގެ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައި އެވެ. އިތުރު ތިން އޭޓީއާރު އަށް އޯޑަރު ދީފައިވާކަން ފާހަގަކުރައްވައި، އޭގެ ތެރެއިން ދެ އޭޓީއާރު ޑިސެމްބަރު މަހުގެ ތެރޭގައި، ނުވަތަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އަންނާނެ ކަމަށް ވިދާޅުވި އެވެ.
މިވަގުތު މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު ދަތުރުކުރެ އެވެ. މީގެ ތެރޭގައި އެއާބަސް އޭ320 އާއި ހަތަރު އޭޓީއާރު އާއި ނުވަ ޑޭޝް-8 މަތިންދާބޯޓާއި 11 ޑީއެޗްސީ-6 ޓްވިން އޮޓާ ހިމެނެ އެވެ.