ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިގޮތަށް އެދުނީ މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަހައްދަށް ނުރައްކާގެ ހާލަތު އޮތުމުން ނެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މިހާރު ޔޫކްރެއިނުން ވަނީ ކާރސްކްގެ 400 ސްކުއާ މޭލް ހިފާފަ އެވެ.
ފޮރިން މިިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށެވެ.
މިދަނޑިވަޅުގައި، އެ ސަރަހައްދުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވުމަށްވެސް ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފައި ވެއެވެ.
ރަޝިޔާގެ ކަރސްކްގައި އޮތް ނުރައްކާގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅުމަށް މިނިސްޓްރީން އިރުޝާދު ދީފައި ވެއެވެ.
އެމްބަސީއަށް ގުޅުމަށް:
- ފޯން: 61 164 129 17 49+
- ހޮޓްލައިން: 60 738 200 30 49+
- އީމެއިލް: info@maldivesembassy.de
