ރާއްޖޭގައި މާލީ ރިފޯމްއެއް ގެންނަން ބޭނުންވަންޏާ ޑަބަލް ޕެންޝަން އުވާލަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ލަފާދީފި އެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން އިންތިޒާމްކޮށްގެން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ގައި ވާހަކަ ދައްކަވަމުން ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް ރޮބަޓް ޕެލަސިއޯސް މިފަދައިން ފާހަގަކުރެއްވި އެވެ.
”ސަސްޓެއިނަބަލް ޕެންޝަން ސިސްޓަމް“ (ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް) މައުޟޫއުގައި ވާހަކަ ދައްކަވަމުން ޕަލަސިއޯސް ވަނީ ސަރުކާރުގެ 13 އޮފީހަކަށް ޑަބަލް ޕެންޝަން ލިބޭ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައިން ދައުލަތުން ހަރަދުކުރަނީ ސަލާމަތީ ބާރުތަކަށް ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ކަމަށް އަލިއަޅުވާލައްވާފަ އެވެ.
ޑަބަލް ޕެންޝަން ލިބުމަކީ މުވައްޒަފުންނަށް ހާއްސަ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ އިތުރުން އެހެން އެލަވަންސްތައް ލިބުމެވެ.
ޕަލަސިއޯސް ހުށަހެޅުއްވީ ޑަބަލް ޕެންޝަން ނިޒާމު މުޅިން ދޫކޮށްލާއިރު، އޭގެ ފަހުން ރިޓަޔާ ކުރާ އެންމެ މުއްސަނދި މީހުންނަށް ޕެންޝަންގެ ފައިދާ 10 އިންސައްތައާއި 20 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ކުޑަކުރުމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޑަބަލް ޕެންޝަންގެ ސަބަބުން ރިޓަޔާ ކުރާ ފަރާތްތަކަށް ދޭ އަސާސީ ޕެންޝަން ޕްލޭންތަކުގެ އިތުރުން ދެގުނަ ބޮޑު ޕެންޝަން އެލަވަންސްތަކަކީ ނިޒާމުގެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް ހުރަސްއެޅޭ ކަންކަމެވެ.
ވޯލްޑް ބޭންކުން މީގެ ކުރިންވެސް ހަމަ މި ހުށަހެޅުން ހުށަހަޅާފައިވާއިރު، ފުލުހުންނާއި އަސްކަރީ މުވައްޒަފުންނަށް އެކި ޕެންޝަން އެލަވަންސްތައް ދިނުމަށް ދައުލަތުން ކުރާ ބޮޑު ހަރަދުތަކާ ގުޅިގެން އެތެރޭގެ އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.
މާލީ އިސްލާހުތައް ގެނައުމަށް ރާއްޖެ އަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭންކުން ލަފާދީ، ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނިތަކާއި އިގްތިސާދީ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.
ވޯލްޑް ބޭންކުން ފުރަތަމަ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ ރޭޓް 5.2 އިންސައްތައަށް ގޮސްފައިވާ ކަމަށް ލަފާކުރި ނަމަވެސް، ފަހުން ދަރަނީގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އެ ރޭޓް އިސްލާހުކޮށް 4.7 އިންސައްތައަށް ދަށްކުރި އެވެ.
