ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ނުހިތާކަމަށްބުނެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލަށް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޒާރުދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރުން ސުވާލު ކުރެއްވުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްވަނީ ހާޒިރު ކުރައްވާފަ އެވެ. މެންބަރުންނަށް ވަޒީރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މެންބަރު މުހައްމަދު އިސްމާއިލް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
މެންބަރު ވިދާޅުވީ ކޮންމެ ބަޔަކުވެސް ވޯޓާ ދިމާކޮށް ވިލިމާލެއޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް ވޯޓަށް ނޫން ގޮތަކަށް އެއްވެސް ސަރުކާރަކަށް ވިލިމާލެ ރައްޔިތުންނެއް ނުފެންނަ ކަމަށްވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވާހަކަ ދައްކަވާފައިވަނީ ވަރަށް އަޑު ހަރުކޮށެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ ސަބަބުން ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަންވެސް މެންބަރު ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ ވަކި ހިސާބަކުން މުހައްމަދު އިސްމާއިލްގެ މައިކު ކަނޑާލާފަ އެވެ. ނަމަވެސް އޭރުވެސް މުހައްމަދު އިސްމާއިލް ގެންދެވީ މަޖިލީހުގެ ތަޅުމުގައި އަޑު ހަރުކޮށް ވާހަކަ ދައްކަވަމުންނެވެ.
މެންބަރުގެ ވާހަކަ ހުއްޓާނުލުމުން އަބްދުއްރަހީމް ވަނީ މެންބަރަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން މަޖިލިސް ތަޅުމުގައި ބޭނުންގޮތަކަށް އަޑުގަދަކުރައްވަން ޖާގަ ނުދެއްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި މެންބަރުން ސުވާލު ކުރައްވަން ވަޒީރުން މަޖިލިސް ތަޅުމަށް ގެންނަވައިފައި، އެދުވަހު ވަޒީރާ ކުރެއްވޭ ސުވާލާ އެއްގޮތަކަށްވެސް ދިމާނުވާ ހިސާބުން މަޖިލީހުގެ ފުރުސަތު ނަންގަވައިގެން ބޭނުންވާ ވާހަކައެއް ދައްކަވަން ރިޔާސަތުން މެންބަރުންނަށް ފުރުސަރު ނުދެއްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.