ސިއްހީ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ނޭޕާލް ސަރުކާރުންވި އެހީއަށް ރައީސްގެ ޝުކުރު

Advertisement

އެންމެ ފަސް

Advertisement

ސިއްހީ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ނޭޕާލް ސަރުކާރުންވި އެހީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ ނޭޕާލުން ރާއްޖެއަށް އާ ސަފީރެއް ކަނޑައެޅުއްވުމަސް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އެވެ.

ނޭޕާލު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މރ. ބަޝޫ ދޭވް މިޝްރާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުވާފައި ވެއެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.

ނޭޕާލުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް، ހާއްސަކޮށް ސިއްހީ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށް ނޭޕާލް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު އެވެ.

ނޭޕާލްގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ނޭޕާލުގެ ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ.

ރައީސް އޮފީސް ރާއްޖެ - ނޭޕާލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ