ގުރައިދޫ މަރުކަޒުގައި ދުވަސް ހޭދަކުރެވޭނީ ވަކި މުއްދަތަކަށް: މިނިސްޓަރު ޝިހާމް

Advertisement

އެންމެ ފަސް

Advertisement

ގުރައިދޫ މަރުކަޒަކީ ދާއިމީ ހިޔާވެއްސެއްގެ ގޮތުގައި ދެކޭ ގޮތް މިނިސްޓްރީން ބަދަލުކުރަމުންދާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒިރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިހާމް މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މި ޕްރޮގްރާމްގައި ވާހަލަދައްކަވަމުން މިނިސްތަރު ވިދާޅުވީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ މިހާރު އެފަދަ ފަރާތްތަކަށް ފަރުވާ ދޭ ތަނެއް ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު އެތަނަށް އަންނަ މީހުން ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި އެތަނަށް އަންނަ މީހުންނަށް އެތަނުގައި ދުވަސް ހޭދަކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށްފަހު އެފަދަ ބަލިމީހުން ސަރުކާރުން އާއިލާއާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.

މީގެ އިތުރަށްވެސް ގުރައިދޫ މަރުކަޒުގައި ބަލިމީހުން ހޭދަކުރާ މުއްދަތުގެ ތެރޭގައި މުޖުތަމަށް ދާން އަހުލުވެރިކުރުވާ ޕްރޮގްރާމްތައްވެސް މަރުކަޒުން ހިންގާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މުޖުތަމައުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރަމުންދާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ގެ މަސައްކަތްތަކަށްވެސް ވަޒީރު ވަނީ އަލިއަޅުއްވާލާފަ އެވެ. އަދި މުސްތަގްބަލުގައި މި ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދެވި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ ވާހަކަ ވަޒީރު ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ އެންމެ ޅަ އުމުރުގައި ކުދިންގެ ހުންނަ ނުކުޅެދުންތެރިކަން ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް ކަން ވަޒީރު ފާހަގަކުރެއްވި އެވެ. އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އާލީ އައިޑެންޓިފިކޭޝަން އެންޑް އިންޓަވެންޝަންގެ މުހިންމު ކަމާއި، އެއީ އެކުދިންގެ ހުންނަ ނުކުޅެދުންތެރިކަން އެނގި، އެކަމަށް ފަރުވާ ހޯދުމަށް ކޮށޭ މަގެއްކަންވެސް ވަޒީރު ވިދާޅުވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ހިދުމަތްތަކާއި ގުޅޭ ތަފުސީލީ މިންގަނޑެއް އެކުލަވާލައި، އެކަމާ ގުޅުންހުރި މަސައްކަތްތައް ވެސް ދަނީ ކުރެވެމުން ނެވެ. ކުރިއަށް ދެން އޮތީ މި މިންގަނޑުތަކަށް ކަމާބެހޭ ތަޖުރިބާކާރުންގެ ހިޔާލު ހޯދުމާއިއެކު ވެލިޑޭޓް ކުރުމުގެ މަރުހަލާއެވެ. އެއަށްފަހު ރާއްޖޭގައި ތެރަޕީގެ ހިދުމަތްދޭ ފަރާތްތައް މި މިންގަނޑުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ އެވެ. މި ކުރެވޭ މަސައްކަތުން ހާސިލް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ހިދުމަތް ހޯދާ ފަރާތްތަކުގެ ދުޅަހެޔޮކަން އިސްކޮށް، ރައްކާތެރި، ނަތީޖާ ނެރުވަނިވި ގޮތަކަށް ތެރަޕީ ހިދުމަތުގެ އެންމެހާ ކަންކަން ބައްޓަންކުރުން ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.

ޝިހާމް ވަނީ ދާދި ފަހުން ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި އިންޓަނޭޝަނަލް ކޮންފެރެންސް އޮން ޕޮޕިއުލޭޝަންސް އެންޑް ޑިވެލޮޕްމަންޓް (އަ.އި.ސީ.ޕީ.ޑީ) ގެ 30 ވަނަ ގްލޯބަލް ޑައިލޮގް އޮން ޑިމޮގްރަފިކް ޑައިވާސިޓީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތައް، އުމުރުން ދުވަސްވީ އާބާދީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، މިއީ މިފަދަ ބަދަލުތައް ކުރިން އައިސްފައިވާ ގައުމުތަކުން ރާއްޖެއިން މިސާލު ލިބިގަނެ، ރަނގަޅު ސިޔާސަތުތައް ދަސްކުރުމަށް ލިބުނު މުހިންމު ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ. އަދި މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އިސްރަށްވެހިންގެ އާބާދީއަށް އަމާޒުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި އިޖުތިމާއީ ގުޅުންތައް ހަރުދަނާކުރުމަށް އެކި މަސައްކަތްތައް ދަނީ ކުރެވެމުން ނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންނަށް މަރުކަޒުތަކެއް ގާއިމްކުރެވި، އެމަރުކަޒުތަކުގައި އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތަކެއް މިހާރު ކުރިއަށްގެންދެ އެވެ. މިފަދަ ކޮންމެ ހަރަކާތެއްގެ މަގުސަދަކީ، އިސްރަށްވެހިންނަކީ މުޖުތަމައުގެ އެންމެހާ ކަންކަމުގައި އެފަރާތްތަކުގެ ބައިވެރިވުން އޮތް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންވާ ބަޔަކަށް ހެދުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

 

އައިޝަތު ޝިހާމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ