ރާއްޖޭގައި އަލަށް އުފަންވާ ކުދިންގެ އާބާދީ ދަށްވަމުން ދާތީ ގައުމީ ފެންވަރުގެ މަޝްވަރާތަކެއް ކުރަންޖެހޭކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އައިޝަތު ޝިހާމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކާ ގުޅިގެން ގައުމީ ފެންވަރުގެ މަޝްވަރާތަކެއް ވަރަށް އަވަހަށް ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއްވެސް ނޫން ކަމަށާއި މިއީ ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލައެއްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މި މައްސަލައާ ގުޅިގެން އެހެން ގައުމުތަކުން އަމަލު ކުރަމުންދާ ގޮތަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އަލި އަޅުައްވާލައްވާފަ އެވެ. އެގޮތުން އޭނާ ވަނީ ބައެއް ގައުމުތަކުން އަލަށް އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުން ގެންދާ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ބައެއް ގައުމުތަކުން ވަޒީފާ އަދާކުރަމުންދާ މައިންބަފައިންނަށް ވަޒީފާ އަދާ ކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ ނިޒާމު ހަރުދަނާ ގޮތެއްގައި ގާއިމު ކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަރުދަނާގޮތެއްގައި ގާއިމުކުރޭ އެބަ ގައުމުތަކުގައި. އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ. ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ގައުމީ ފެންވަރުގައި މަޝްވަރާތަކަކަށް އެބަޖެހޭ ދާން މިކަމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން.
ރާއްޖޭގައިވެސް ވަޒީފާއަށް ދާ މައިންބަފައިންގެ ދަރިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް ފަހިކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަލަށް އުފަންވާ ކުދިންގެ އަބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ލިބިފަިއވަނީ ހަނި ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ގައުމީ ތަރައްގީއަށް އޭގެ އަސަރު ކުރާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އައިޝަތު ޝިހާމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
