ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި އެވެ.
ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށްދަނީ ކަލާފާނު ސްކޫލުގައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ވަނީ ކަނޑައެޅިފަ އެވެ.
ހައުސިން މިނިސްޓްރީއިން ބުނެފައި ވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެ ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ތަފްސީލު:
- 1650 އަކަފޫޓު ؛ 181 ގޯތި
- 2050 އަކަފޫޓު ؛ 242 ގޯތި
- 2450 އަކަފޫޓު ؛ 132 ގޯތި
- 2850 އަކަފޫޓު ؛ 62 ގޯތި
- 3250 އަކަފޫޓު ؛ 41 ގޯތި
- 3650އަކަފޫޓު ؛ 16 ގޯތި
- 4000 އަކަފޫޓު ؛ 24 ގޯތި
ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް، ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 1 ފަރާތަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ. މިގޮތުން ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓްކުރެވޭ ފަރާތްތަކަށް ވަގުތުން އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް ގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ



