ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއުގެ 17 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެމްއޭސީއެލްއިން ދެއްވި މައުލޫމާތުގައިވާ ގޮތުން، ޖުމްލަ 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 23 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފަ އެވެ. މިއީ މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ 17 އިންސައްތައެވެ.

ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރ ކަމަށްވާ ޖާން ޑި ނަލްގެ ’ކްރިސްޓޮބަލް ކޮލޮން‘ ބޭނުންކޮށްގެންނެވެ. އެ މަސައްކަތުގައިވެސް ޖުމްލަ 2 ޑްރެޖަރު އަންނަނީ ބޭނުންކުރަމުންނެވެ.
މި މަހު ރާއްޖެ ގެނެވުނު، 46،000 ކެޕޭސިޓީގެ މި ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަނީ ތިން ގުނަ އަވަސްވެފަ އެވެ. މި ޑްރެޖަރުގެ ސަބަބުން މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް ފަސޭހަވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި ބިޔަ މަޝްރޫއު އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމޭނެ ކަމަށެވެ.

ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ފުރަތަމަ ފިޔަވަހީގައި 15،000 ގޯތި ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއެކު ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.



