ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލް: ވިލިމާލެ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް

Advertisement

އެންމެ ފަސް

Advertisement

ވިލިމާލޭގައި އަލަށް އިމާރާތްކުރާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ ތަފްސީލީ ޑިޒައިން މަރުހަލާ ފެށުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.

112 އެނދުގެ ޖާގައިގެ މި ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ވަނީ ނިމިފައެވެ. އަދި އިއްޔެގެ ރަސްމިއްޔާތާއެކު މި މަޝްރޫޢުގެ ތަފްސީލީ ޑިޒައިން މަރުހަލާ ރަސްމީކޮށް ފެށިގެން ދިޔަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވީ މި ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެފައިވަނީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން، ސަރުކާރުގެ އިސް އޮފިޝަލުންނާއި ޗައިނާ އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވިލިމާލޭގައި އިމާރާތްކުރާ މި ހޮސްޕިޓަލަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު މަޝްރޫޢުއެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މީގެ ކުރިން ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާއެކު ރާއްޖޭގައި އެޅި ސިނަމާލެ ބްރިޖަށް ނަން ދީފައިވަނީވެސް މި އެކުވެރިކަން ދޭހަކޮށްދޭ ގޮތަށް ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ނަމުންނެވެ.

ރާއްޖެ - ޗައިނާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ހެލްތް ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ